ގައުމީ އެއާލައިން މޯލްޑިވިއަންގެ މިހާރުގެ މެނޭޖްމަންޓާ ދޭތެރޭ ހިތްހަމަނުޖެހިގެން އެ ކުންފުނީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ޕައިލެޓުން ވަކިވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މޯލްޑިވިއަންގައި މަސައްކަތް ކުރާ ސީޕްލޭންގެ ހަތަރު ކެޕްޓަނުންނާއި ތިން ކޯ ޕައިލެޓުން ވަނީ އެ ކުންފުނިން ވަކިވެފަ އެވެ.

އަދި މީގެ އިތުރުން އެކުންފުނީގައި މަސައްކަތް ކުރާ ސީނިއާ ބޭފުޅުންތަކެއް ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެގޮތުން އެކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސް އާއި ހެޑް އޮފް ޓްރެއިން މޯލްޑިވިއަންއިން ވަނީ އިސްތިއުފާދެއްވާފަ އެވެ.

މޯލްޑީވިއަންއިންގެ މުހިންމު ހަތް ޕައިލެޓަކު ވަކިވެފައިވާ ސަބަބާއި ގުޅޭގޮތުން އެކުންފުނީގެ ބައެއް ބޭފުޅުން ބުނެފައިވަނީ ކުންފުނިން ޕައިލެޓުން ވަކިވީ މުސާރަ ކުޑަވެ ވާދަވެރި އެހެން އޮޕަރޭޓަރުން ރަނގަޅު މުސާރައެއް ހުށަހެޅުންކަމަށެވެ. އަދި މިހާރު ގިނަ ޕައިލެޓުން ވަކިވެގެން ގުޅެމުންދަނީ ޓީއެމްއޭއާއި ވިލާ އަދި މަންޓާ އެއާވޭސްއާ ކަމަށްވެސް އޭނާ ބުންޏެވެ.

އެހެން ނަމަވެސް މޯލްޑިވިއަންއިން ވަކިވި ޕައިލެޓަކު ބުނީ އޭނާއެކޭ އެއްގޮތަށް، އެހެން ޕައިލެޓުންގެ ވެސް މައިގަނޑު މައްސަލައަކަށްވީ މެނޭޖްމަންޓުގެ މައްސަލަތަކެއް ކަމަށެވެ. އަދި ވަކިވި ބައެއް ޕައިލެޓުން އެއްވެސް ވަޒީފާއެއް ނެތި އުޅެމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

މީގެ ކުރިން އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަންސްގެ މަޤާމުގައި ހުންނެވި ކެޕްޓަން މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި އެ ކުންފުންޏަކީ 2018 ވަނަ އަހަރުގެ ނިޔަލަށް ވެސް ފައިދާވަމުން އައި ކުންފުންޏެއް ނަމަވެސް އެ ކުންފުނީގެ މާލީ ހާލަތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގޯސްވީ ކުންފުނި ހިންގުމަށް ތަޖުރިބާއެއް ނެތް ފަރާތްތައް ލެއްވުމުގެ ސަބަބުން ކަމަށެވެ. އަދި އެ ކުންފުންޏަކީ 2018 ވަނަ އަހަރާ ހަމައަށް ފައިދާވި ކުންފުންޏެއްކަން އޮޑިޓު ރިޕޯޓުތަކުން ފެންނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ މާލީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މިހާރު ސަރުކާރުން ނިންމާފައިވަނީ މޯލްޑިވިއަން ހިންގުމަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ބޭރުގެ ކުންފުންޏަކާއެކު ހެދުމަށެވެ. އަދި މިހާތަނަށް އެކަން ކުރަނީ ކޮން ކުންފުންޏަކާއެކުކަން ހާމަނުކުރި ނަމަވެސް އެކަން ކުރަން ވިސްނަނީ މެދުއިރުމަތީގެ އެއާލައިނަކާއެކު ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.