އަންނަ އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި 37 ބިލިއަން ރުފިޔާ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީއިން މިހެން ބުނެފައިވަނީ "މެދު ރާސްތާ ފިސްކަލް ޑެޓް ސްޓްރެޓަޖީ" ރިޕޯޓްގައި އެވެ.

އެ ރިޕޯޓުގައިވާ ގޮތުން އަންނަ އަހަރަށް ޖުމުލަ އާމްދަނީގެ ގޮތުގައި 23.6 ބިލިއަން ރުފިޔާ އަންދާޒާކޮށްފައި ވާއިރު، ހިލޭ އެހީގެ ގޮތުގައި 22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އާމްދަނީ ލިބޭނެ ކަމަށް ފާހަގަކޮށްފައިވާ ދާއިރާތަކުގެ ތެރެއިން ޓެކްސްގެ އާމްދަނީއަށް 14 ބިލިޔަން ރުފިޔާ، ޓެކްސް ނޫން ގޮތުން ފަސް ބިލިއަން ރުފިޔާ އަދި އަލަށް ތައާރަފުކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުން 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ.

އާމްދަނީ ހޯދުމަށް އަލަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި، އެއާޕޯޓް ޓެކްސް ރޭޓު ބޮޑުކުރުމާއި ރިއަލް އެސްޓޭޓް ޓޫރިޒަމް މެދުވެރިކޮށް، ބިދޭސީންގެ ކޯޓާ ފީ، ރެޒިޑެންޓް ޕާމިޓް ފީ އިތުރު ކުރުމާއި ކޮންޖެސްޝަން ޗާޖެއް ނެގުމާއި ސްޕެކްޓްރަމް ޗާޖެއް ނެގުން ހިމެނެ އެވެ.

ދައުލަތުގެ ހަރަދުތައް ހުންނާނީ 33.8 ބިލިއަން ރުފިޔާ ކަމަށާއި މުޅި ބަޖެޓު 10.2 ބިލިއަން ރުފިޔާއިން ޑެފިސިޓް ވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް 40 ބިލިއަން ރުފިޔާ އަށް އިތުރު ކޮށްފި ނަމަ ފައިނޭންސް ހޯދަން އުނދަގޫ ވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ފައިނަލް ބަޖެޓު ފޮނުވާނީ މެދުރާސްތާގެ ފިސްކަލް ސްޓްރެޓަޖީގެ މައްޗަށް ބިނާކޮށެވެ. ކޮންމެ އަހަރެއްގެ ވެސް ބަޖެޓު އެ އަހަރެއްގެ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ.