މިދިޔަ ސެޕްޓެމްބަރު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 1.98 ބިލިއަން ރުފިޔާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ

މިރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ނިމިދިޔަ މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 1.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރާއި އަޅާ ކިޔާއިރު، 133 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަކުރެވެ އެވެ. އަދި މީގެ ތެރެއިން 63.45 މިލިއަން ޑޮލަރު ހިމެނެ އެވެ.

މިގޮތުން ސެޕްޓެމްބަރު މަހުގެ އާމްދަނީ އިތުރު ވެފައި ވަނީ އިންކަމް ޓެކްސް، ޖީއެސްޓީ، ޓީޖީއެސްޓީ އަދި ބިމު ކުލިން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވާ މިންވަރު އިތުރުވުމުންކަމަށް މީރާއިން ވަނީ ބުނެފަ އެވެ. އަދި މިއީ މިމަހު ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ވަރަށް ވުރެ 8 ޕަސެންޓް އިތުރު އަދަދެއް ކަަމަށް ވެސް މީރާއިން ބުނެ އެވެ.

އޭގެ އިތުރުން ފިނޭންސް މިނިސްޓްރީން އާއްމުކުރާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް 12 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ. އަދި މި އަހަރު ހަރަދު ކުރުމަށް 33.4 ބިލިއަން ރުފިޔާގެ ބަޖެޓެއް ދީފައިވާއިރު، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް 20,7 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހޭދަ ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ދުނިޔޭގެ އެހެން ގައުމު ތަކެކޭ އެއްފަދައިން ރާއްޖޭގެ އިގްތިޞާދަށްވެސް އެކި ވަރު ވަރުން ގެއްލުންތައް ލިބި މާލީ ގޮންޖެހުންތަކަކާއި ކުރިމަތި ލާން ޖެހުނެވެ.

އެހެންނަމަވެސް ރާއްޖޭގެ އިގްތިސާދު އިއާދަވާ ދުވެލި އަނބުރާ އިއާދަވާ ދުވެލި ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށް ވޯލްޑް ބޭންކުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.