ރާއްޖެ އަންނަ ޓޫރިސްޓުންނަށް ޗުއްޓީ ބައިކޮށްލައިގެން އެހެން ތަންތަނަށް ދެވޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

އެ މިނިސްޓްރީން ބުނީ ޓޫރިސްޓުންނަށް ޚިދުމަތްދޭ ހުރިހާ ފެސިލިޓީތަކަކަށް މިހާރު ސްޕްލިޓް ސްޓޭ ހުއްދަ ދީފައިވާ ކަމަށެވެ. މި ބަދަލާއެކު ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން އަންނަ ޓޫރިސްޓުންނަށް ވެސް އެހެން ރަށްރަށުގައި ހުންނަ ހޮޓެލް، ގެސްޓްހައުސް އަދި ސަފާރީއަށް ވެސް ދެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ޓޫރިސްޓުންނަށް ހުއްދަދިން ނަމަވެސް ސްޕްލިޓް ސްޓޭއާ ގުޅިގެން އެ މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނަށް އަމަލުކޮށް ކުރިއާލާ ހުއްދަ ނަގަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީން ސްޕްލިޓް ސްޓޭ ހެދުމުގެ ހުއްދަ ދެނީ އެއް ރިސޯޓުން އަނެއް ރިސޯޓަށް ދިއުމަށް އެކަންޏެވެ.

މި ބަދަލާއެކު ގެސްޓްހައުސްތަކުގެ ވިޔަފާރި ރަނގަޅުވެ އަދި ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންނަށް ރިސޯޓުތަކުން ހިދުމަތް ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލުމުން ޓޫރިސްޓުން އަންނަ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.