ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އަނެއްކާ ވެސް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެ އެވެ.

މޮރިޝަސްގެ ރިސޯޓެއް ކަމަށްވާ ޓްރޯ އޮކްސް ބިޗެސް ބީޗްކޮމްބާ ގޮލްފް ރިސޯޓް އެންޑް ސްޕާގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ވޯލްޑް ލަގްޒަރީ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ޓްރާންސް މޯލްޑިވިއަންއަށް މިފަހަރު ލިބިފައި ވަނީ "ސީޕްލޭން ކޮމްޕެނީ ގްލޯބަލް ވިނާ"ގެ އެވޯޑެވެ.

ވޯލްޑް ލަގްޒަރީ އެވޯޑަކީ ގައުމުތަކާއި، ކޮންޓިނެންޓުތަކުގައި، ދުނިޔޭގެ ނިސްބަތުން ފެންވަރު ރަނގަޅު ހިދުމަތްދޭ ފަރާތްތައް ފާހަގަކޮށް ދެވޭ އެވޯޑެކެވެ. އަދި މި އެވޯޑަކީ އިންޑަސްޓްރީގައި ހިމެނޭ ފަރާތްތަކާއި ގެސްޓުންގެ އިތުރުން ފަތުރުވެރިންގެ ވޯޓުން އެންމެ ފާހަގަކޮށްލެވޭ ތަންތަން ބަލައި އެފަރާތްތަކަށްދޭ އެވޯޑެކެވެ.

މިކަން ފާހަގަކޮށް ޓްރާންސް މޯލްޑިވްސްއިން ވަނީ އެކުންފުނިން ދޭ ހިދުމަތްތައް ބަލައިގަނެ ވޯޓުދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. ހަމަައެހެންމެ އެ މަގާމަށް ވާސިލްކޮށްދިނުމުގައި ބުރަކޮށް މަސައްކަތްކުރާ މުއައްޒަފުންގެ ހިތްވަރު ފާހަގަކޮށް ޓްރާންސް މޯލްޑިވިއަންއިން ވަނީ ފަތުރުވެރިންނަށް ފުރިހަމަ ހިދުމަތްތައް ފޯރުކޮށްދިނުމަށް މުއައްޒަފުން ކުރާ މަސައްކަތަށް ޝުކުރު އަދާކޮށްފަ އެވެ.

އޭގެ އިތުރުން ކުރިއަށް އޮތް އަހަރުތަކުގައި ސީޕްލޭންގެ ހިދުމަތްތައް ފުޅާކޮށް އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި، ފަތުރުވެރިން އެންމެ އެދޭ ފަދައިން ހިތްގައިމު ތަޖުރިބާތަކެއް ކުރެވޭފަދަ ހިދުމަތްތަކެއް ދިނުމަށްޓަކައި އެކުންފުނިން މަސައްކަތް ކުރަމުން ގެންދާނެކަމަށް ވެސް ޓްރާންސް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސްއަކީ ފާހަގަކޮށްލެވޭ ދައުރެއްް އަދާކުރާ ކުންފުންޏެކެވެ. އަދި ފާއިތުވި އަހަރުތަކުގައި އެކުންފުނިން ވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.