އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ 9.7 ބިލިއަން ރުފިޔާއިން ދަރަނި އިތުރުވާނެ ބަޖެޓެކެވެ.

ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ 2020 ވަނަ އަހަރާއި 2021 ވަނަ އަހަރުގެ ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ނަގަން ޖެހުނު ދަރަނީގެ ބޮޑުކަމާއެކު، މި އަހަރު ނިމޭއިރު ދައުލަތުން ދީފައިވާ ގެރެންޓީ ހިމަނައިގެން ދައުލަތުގެ ދަރަނީގެ ޖުމުލަ އަދަދު ހުންނާނެކަމަށް ބެލެވެނީ 94 ބިލިއަން ރުފިޔާގައި ކަމަށެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން 122 އިންސައްތަ އެވެ.

މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ފިސްކަލް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް ފިޔަވަޅުތައް އަޅައި، ޖީ.ޑީ.ޕީގެ ނިސްބަތުން ދަރަނި ކުޑަކުރުމަށް ވަނީ ރޭވިފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މި އަހަރު ޖުލައި މަހު ހުށަހެޅި ފިސްކަލް ސްޓްރެޓެޖީގައި ވާނީ ފިސްކަލް އަދި ޑެޓް ސަސްޓެއިނަބިލިޓީ ދެމެހެއްޓުމަށް 3 ކަމެއް ހުށަހަޅާފައިކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

1- 2023 ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 105 އިންސައްތައަށް ތިރިކުރުން.

2- 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓު ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތައަށް ތިރިކުރުން.

3- ބަޖެޓު ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރެއް ކުޑަވަމުންދާ މިސްރާބަކަށް ގެނައުން.

މި ސްޓްރެޓެޖީއާއެކު، ދައުލަތުގެ ސީދާ ދަރަނި 2022 ވަނަ އަހަރު ނިމޭއިރު، 104 އިންސައްތައަށް ތިރިކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ. އަދި 2023 ވަނަ އަހަރު ނިމޭ އިރު 101 އިންސައްތައަށް ތިރިކުރެވޭނެ ކަމަށްވެސް ލަފާ ކޮށްފައިވެ އެވެ.