ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ދަށަށް ދިޔަނަމަވެސް މިހާރު ރާއްޖޭގެ އިގްތިސާދު އަންނަނީ ކުރިއަރަމުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ އަންނަ އަހަރު ދައުލަތުން ލަފާކުރާ ބަޖެޓް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި ދެއްވަމުންނެވެ.

މަޖިލީހަށް 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަމުން މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ކުރިއަރަމުން މިއަންނަނީ ދުނިޔޭގެ އިގްތިސާދީ ދުވެއްޔަށްވުރެ އެތައް ގުނައެއް ބާރަށް ކަމަށެވެ.

"ދުނިޔޭގެ އިގްތިސާދު މިއަހަރު 5.9 ޕަސެންޓުން ކުރިއަރާނެކަމަށް ލަފާކުރެވޭއިރު، 2022 ވަނަ އަހަރު ވެސް 4.9 ޕަސެންޓްގެ ކުރިއެރުމެއް އަންނާނެކަމަށް އައިއެމްއެފް އިން ލަފާކުރޭ. ނަމަވެސް، މިބަލިމަޑުކަމާ ގުޅިގެން ޤައުމުތަކާ ކުރިމަތިވި އިގްތިސާދީ ހީނަރުކަމުން މުޅިން އަރައިގަނެ، ބަލިމަޑުކަމުގެ ކުރިންތިބި ހިސާބަށް އަނބުރާ ދިއުމަށް އަހަރުތަކެއް ނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަނީ. ފޮޓޯ: މަޖްލިސް

ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހާލަތުން އަރައިގަތުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރިކަން ފާހަގަ ކުރައްވަމުން މިނިސްޓަރު އަމީރު ވިދާޅުވިގޮތުގައި ރާއްޖޭގެ ބޯޑަރު ޖުލައި 15، 2020ގައި އަލުން ހުޅުވުމުކީ ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުވެ، އާރޯވުމަށްއެޅި އެންމެ މުހިއްމު ފިޔަވަޅުކެވެ. އަދި މިދިޔަ އަހަރު ތެރޭގައި ތިން މަސް ވަންދެން ފަތުރުވެރިން ނެތި ފަޅުވެފައި ހުރި ރިޒޯޓްތަކަށް ދިރުން ގެނައުމަކީ ރާއްޖޭގެ އިގްތިސާދުގައި ވިންދު ޖެހުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑު މިތާ ހުއްޓި މިހުރިއިރު، އެދުވަހު ނިންމުނު މުހިންމު ނިންމުންތަކުގެ ނަތީޖާ މިހާރު ވަނީ ފެންނަން ފަށާފައި. މި އަހަރަށް އަޅުގަނޑުމެން ކަނޑައެޅި ޓާގެޓްކަމަށްވާ އެއް މިލިއަން ފަތުރުވެރިން ރާއްޖެ އައިސް، އެކަން މީގެ ދެ ދުވަސް ކުރިން ފާހަގަކުރިން. އަދި ހަމަ އެދުވަހު ރާއްޖޭގެ ސޮވްރިން ކްރެޑިޓް ރޭޓިން ފިޗް ރޭޓިންގްސްއިން އަޕްގްރޭޑްކޮށް، އައުޓްލުކް ސްޓޭބަލް ކަމުގައި ކަނޑައެޅިގެން ދިޔަ. މި އަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ ފަސް އިގްތިސާދުގެ ތެރޭގައި ރާއްޖެ ހިމެނޭ،" އަމީރު ވިދާޅުވި އެވެ.

ރާއްޖޭގެ އިގްތިސާދު މިހާ އަވަހަށް ކުރިއަރަމުން އަންނަނީ ކޮވިޑާ ގުޅިގެން ރައްޔިތުން ކުރިމަތިލާންޖެހުނު ދަތިތަކާ ގޮންޖެހުންތަކާއެކު ވެސް ރައްޔިތުންގެ ވިލުންވެރިކަން، އަދި ސަރުކާރުން މި ބަލިމަޑު ކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ދުވަހު އަޅުގަނޑުމެންނާ ކުރިމަތިވެފައިވާ އެންމެ ބޮޑު ސުވާލަކީ ދިވެހިރާއްޖޭގެ އިގްތިސާދު އަނބުރާ އިއާދަކޮށް، އާރާސްތުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ ކޮން މަގަކުންތޯ. އެއްގޮތަކީ ހަރަދުތައް ބޮޑުތަނުން ކެނޑުން. މީގެ ސަބަބުން އިގުތިސާދުގެ ސައިޒު ކުޑަވެގެން ދިއުމަށް ދޫކޮށްލުން. އަދި އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ގެއްލޭނެ ވަޒީފާތަކާއި އާމްދަނީގެ ދަތިކަން، އަދި ކުރިމަތިވެދާނެ އިޖުތިމާއީ މައްސަލަތައް އެނގިތިބެ، އެކަމަށް އާނއެކޭ ބުނުން. އަނެއްގޮތަކީ ދަރަނި ނަގައިގެން ނަމަވެސް އިގްތިސާދު ހިފަހައްޓާ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން،" އަމީރު ވިދާޅުވި އެވެ.

ސަރުކާރުން ކޮވިޑުގެ ހާލަތާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތަކުގެ ތެރޭގައި:

  • ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓު ދިނުން
  • ވަޒީފާއަށް އަސަރު ކުރި ފަރާތްތަކަށް އިންކަމް ސަޕޯޓު އެލެވެންސް ދިނުން
  • ބޭންކުތައް މެދުވެރިކޮށް ނަގައިފައިވާ ލޯނުތައް ފަސްކޮށްދިނުން
  • ދިވެހިން ވަޒީފާތަކުގައި ބޭތިއްބުމަށް ސަރުތުކޮށް ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރުން
  • ފަތުރުވެރިން ނެތް ރިޒޯޓުތަކުގެ ކުލި ފަސްކޮށްދިނުން
  • ފަށައިފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔުން

އަމީރު ވިދާޅުވި ގޮތުގައި މި ހުރިހާ ކަންކަމެއް ސަރުކާރުން ކުރީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާއި އެލެވެންސަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް ބަހުސްކުރަން މަޖިލީހުގައި ފަށާނީ ނޮވެމްބަރު 8 ވާ ހޯމަ ދުވަހު އެވެ.