ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ލޯފަން ކުދިންނަށް އެކުންފުނީގައި ބޭނުންކުރާ ސީޕްލޭންތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ބުނީ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް)ގެ 20 ބައިވެރިޔަކު ޓީއެމްއޭގެ ސީޕްލޭނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަމަށެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ޕްރޮގްރާމްގައި ޓީއެމްއޭގެ ހަ ސީޕްލޭން ކުރޫއާއި އެ ޖަމިއްޔާގައި މަސައްކަތްކުރާ ފަސް ފަރާތަކުން ވެސް ބައިވެރިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ލޯފަން ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މިދަތުރުގައި ސީޕްލޭންގައި ހުންނަ ސަލާމަތީ ކަންތައްތަކާ ބެހޭ މައުލޫމާތު ދިނުމާއި ދަތުރަށް ތައްޔާރުވުމަށް ކުރަންޖެހޭ ބައެއް ކަންކަމުގެ މައުލޫމާތު ދީފައިވެ އެވެ. އަދި މީގެ އިތުރުން ސީޕްލޭންގެ ޕައިލެޓް ގޮނޑީގައި އިށީނދެ ތިބެ ބޯޓު ދުއްވަން އާލާތްތައް ބޭނުންކުރާނެ ގޮތް ކިޔައިދީފައިވެ އެވެ.

ޓްރާންސް މޯލްޑިވިއަން އެއާވޭޒް(ޓީއެމްއޭ) އިން ލޯފަން މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެއާކްރާފްޓް ފެމިލިއަރައިޒޭޝަންގެ ހަރަކާތުގެ ތެރެއިން

ޓީއެމްއޭއިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ލޯފަން ކުދިންނަށް މިފަދަ ހަރަކާތްތަކުގެ ސަބަބުން އެކިކަންކަން ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ޖަމިއްޔާއިން ވަނީ ލޯފަން މީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް 2010 ވަނަ އަހަރުން ފެށިގެން ހޭލުންތެރިކުރުވައި ހަރަކާތްތެރިވަމުންނެވެ. އަދި އެޖަމިއްޔާގައި ކުރިއަށްގެންދާ ހަރަކާތްތައް ކުރިއެރުވުމަށް އެންޖީއޯއިން އިސްނަގައިގެން އައު އަދި އިތުރު ހަރަކާތްތަކެއް ކުރިއަށްގެންދާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމައުގެ ގިނަ ބަޔަކަށް ހޭލުންތެރިކަން ލިބޭ ކަމަށް ޓީއެމްއޭ އިން ވަނީ ބުނެފަ އެވެ.

ޓީއެމްއޭގެ އަމާޒަކީ މުސްތަގްބަލުގައި ވެސް މިފަދަ އިޖްތިމާއީ ކަންކަމުގައި ބައިވެރިވެ ވީހާ ބޮޑަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.