މުޅި ދުނިޔެއަށް ބަލާއިރުވެސް ދެވަނަ އަށް އެންމެ ބާރަށް ކުރިއަރާނެ އިގްތިސާދަކަށް ރާއްޖެ ވާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާއިތުވި ތިންއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މާލީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކާއި ކުރިއަށް ރޭވިފައިވާ ކަންކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ އައިއެމްއެފްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ 4 ވަނައަށް އެންމެ އަވަހަށް ކުރިއަރާނެ އިގްތިސާދަކީ ރާއްޖެ ކަމަށެެވެ. އަދި ފިނޭންސް މިނިސްޓްރީން ލަފާކުރާގޮތުން ދެވަނައަށް އެންމެ ބާރަށް ކުރިއަރާނެ އިގްސާދަކީ ރާއްޖެކަމަށް ވެސް އަމީރު ވިދާޅުވި އެވެ.

"އައިއެމްއެފްގެ ވޯލްޑް އިކޮނޮމިކް އައުޓުލުކުއިން އަޅުގަނޑުމެން ބަލާލާއިރު، އެބޭފުޅުންގެ އަންދާޒާއަކީ، ދުނިޔޭގެ ހަތަރުވަނައަށް އެންމެ އަވަހަށް ކުރިއަރާނެ އިގްތިސާދަކީ ރާއްޖެ، އަޅުގަނޑުމެންގެ އަންދާޒާއަކީ 32 ޕަސަންޓާއެކު ދެވަނައަށް އެންމެ ބާރަށް ކުރިއަރާނެ އިގްތިސާދަކީ ރާއްޖެކަމަށް،" އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއިން މިފަދަ ކުރިއެރުމެއް ހޯދުމަށް މަގުފަހިވެގެންދިޔައީ ސަރުކާރުން ކޯވިޑާއި ދެކޮޅަށް އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ރައްޔިތުންނާއި ވިޔަފާރިތަކަށް އެހީވުމަށް ކުރި މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާކަމަށް އަމީރު ވިދާޅުވި އެވެ.

މިހާލަތުގައި މިތިބީ އިންކަމް ސަޕޯޓް އެލްވަންސްދީ ވިޔަފާރިތަކަށް އެހީވެ އަދި ޑެޓް މޮރެޓޯރިއަމްދީފައިވާ ކަމަށާއި ކަރަންޓާއި އަދި ފެނަށް ޑިސްކައުންޓު ދެވި ސިއްހީ ފަރާތްތަކާއެކު ކުރެވުނު މަސައްކަތްތަކެއް ކުރެވުމުން ކަމަށް އަމީރު ވިދާޅުވި އެވެ.

އަވަށްޓެރި އެހެން ޤައުމުތަކުގެ އިގްތިސާދީ ހާލަތް ރާއްޖެއާއި އަޅާ ބަލާއިރު ރަނގަޅު ނޫންކަން ވެސް އަމީރު ފާހަގަކުރެއްވި އެވެ.