މޮންގޯލިއާ އާއި ރާއްޖެއާ ދެމެދު ޗާޓަރު ދަތުރުތަކެއް ފަށައިފި އެވެ.

މޮންގޯލިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ ކްރޫސް ޓުއާ މޮންގޯލިއާއާ ގުޅިގެން ދިވެހި އެޖެންސީއެއް ކަމަށްވާ އޯސަމް މޯލްޑިވްސް އިން ފެށި އެ ދަތުރުތަކުގެ ތެރެއިން ފުރަތަމަ ފްލައިޓު އިއްޔެ ވަނީ ރާއްޖެ އައިސްފަ އެވެ.

ފުރަތަމަ ފްލައިޓުގައި އިއްޔެ އައިސްފައިވަނީ ރާއްޖެ އިޝްތިހާރުކުރުމަށް އައި ޓީމެކެވެ. މި ޓީމުގައި މޮންގޯލިއާގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް ބްލޮގަރުންނާއި، ނޫސްވެރިން ރާއްޖެއަށް އައިސްފައިވެ އެވެ.

މާލެ-މޮންގޯލިއާ ޗާޓަރު ދަތުރުތައް ރަސްމީކޮށް ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 27 އިން މާޗު މަހުގެ ނިޔަލަށެވެ. އަދި އެ ދަތުރުތައް އަންނަ މާޗު މަހުގެ ނިޔަލަށް ކުރިއަށް ގެންދަން ނިންމާފައިވާއިރު، ދަތުރުތަކުގައި ބޭނުންކުރާނީ 150 މީހުންގެ ޖާގައިގެ ފްލައިޓެކެވެ.