ދެކުނު އެފްރިކާއިން ކޮވިޑްގެ އާ ވޭރިއަންޓެއް ފެނި، ރާއްޖެއަށް އެ ގައުމުން ދަތުރުކުރުން މަނާކުރުމާ ގުޅިގެން، ދެކުނު އެފްރިކާއިން ރާއްޖެއަށް މިއަދު އަންނަން އޮތް 300 ޓޫރިސްޓުންގެ ފްލައިޓެއް ކެންސަލް ވެއްޖެ އެވެ.

ކޮވިޑްގެ އާ ވޭރިއެންޓް "އޮމްކްރޯން" ފެނުމާ ގުޅިގެން ދެކުނު އެފްރިކާއިން ރާއްޖެއަށް މީހުން އައުން މަނާކުރީ ރޭ ގެ 12:00 އިން ފެށިގެން ނެވެ. ދެކުނު އެފްރިކާގެ އިތުރުން އެފްރިކާގެ ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބްވޭ، އެސްވަޓީރީން ވެސް މީހުން އައުން ވަނީ މަނާކޮށްފަ އެވެ. މި ގައުމުތަކުން ދިވެހިރާއްޖެއަށް މީހުން (ދިވެހިން އަދި ވޯކްޕާމިޓް ނުހިމެނޭ ގޮތަށް) އެތެރެވުން ހުއްޓާލުމަށް ނިންމާފައިވެ އެވެ. މީގެ އިތުތުން، ރާއްޖެ އައުމުގެ 14 ދުވަސް ކުރިން އެ ހަތް ގައުމަށް ދަތުުރުކޮށްފައިވާ ފަރާތްތަކަށާއި 12 ގަޑިއިރަށްވުރެ ގިނައިރު އެ ގައުމުތަކުގައި ޓްރާންސިޓް ވެފައިވާ ފަރާތްތަކަށް ވެސް ރާއްޖެ ވަނީ ބަންދުކޮށްފަ އެވެ.

ރާއްޖޭގައި ހިންގާ އެއާލައިނެއްގެ އިސް އޮފިޝަލަކު ވިދާޅުވީ މިއީ މިފަހަރު އެޅި ފިޔަވަޅާ ގުޅިގެން ކެންސަލްވި ފުރަތަމަ ޗާޓަރު ފްލައިޓް ކަމަށެވެ. އެ ފްލައިޓް ދާން އޮތީ ޖޮހަނަސްބާގުން ސީދާ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

"ރާއްޖެއަށް ވެސް މިހާރު މަދުން ނަމަވެސް ދެކުނު އެފްރިކާގެ ޓޫރިސްޓުން އެބަ އާދޭ. އަޅުގަނޑުމެން ވެސް ތިބީ އޭގެ ތެރެއިން 250 ވަރަކަށް ޓޫރިސްޓުން އެކި ރިސޯޓުތަކަށް ގެންގޮސްދޭން ތައްޔާރުވެގެން. ނަމަވެސް ކުއްލިއަކަށް ރެއިން ފެށިގެން އެ ފިޔަވަޅު އެޅުމުން އެ ފްލައިޓް ކެންސަލް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.

ދެކުނު އެފްރިކާއިން ކޯވިޑްގެ އާ ވޭރިއަންޓެއް ފެނުމާ ގުޅިގެން އެ ގައުމުން ދަތުރުތައް ކުރުން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ.

އާ ވޭރިއަންޓްގެ ސަބަބުން ފަތުރުވެރިކަމަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެފައިވެ އެވެ.

ޑރ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، އާ ވޭރިއަންޓާއެކު ވެސް ފަތުރުވެރިކަމަށް މާބޮޑު ބުރުލެއް ނާރާ ކުރިއަށްދެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. އަދި ކުރިއަށް އޮތީ ފަތުރުވެރިކަމުގެ އެންމެ ޕީކް ސީޒަން ކަމަށާއި މި ވަގުތު މުޅި އިންޑަސްޓްރީގެ ދުވެލި ރަނގަޅަށް ބެހެއްޓުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.