ދިވެހިންގެ ނަމުގައި ވިޔަފާރިތައް ރަޖިސްޓްރީކޮށް، ބިދޭސީން ވިޔަފާރިކުރުން ހުއްޓުވުމަށް ސަރުކާރުން ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަނީ އަބްދުލް ހަކީމެވެ. އެ ބިލު ފާސްކޮށްފައިވަނީ 53 މެމްބަރުންގެ ވޯޓާއެކު އެވެ.

އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމާއި އެފަދަ ވިޔަފާރިތަކުގެ ހާލަތު ދެނެގަތުމަށް ފަސޭހަވާނެ އިންތިޒާމެއް ހަމަޖެއްސުމާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ކުރެވޭ މުއްދަތު އިތުރުކޮށް އެފަދަ ވިޔަފާރި އެހެން ފަރާތަކަށް ބަދަލުކުރުމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާންކުރުމާއި ދިވެއްސަކު ނިވާފަތްގަނޑަކަށްވެ ހުރެ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް، ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ދިވެހި ރައްޔިތުންނަށް ލިބޭ އިގުތިސާދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ.

އެ ބިލުން ގާނޫނަށް އަލަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށްޓަކައި ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް ރަޖިސްޓްރާއަށް ގަބޫލު ކުރެވޭނަމަ އެ ވިޔަފާރީގެ ރަޖިސްޓްރީ ބާތިލުކުރެވޭނެ ކަމަށް ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން މަސްއޫލުވެރިޔާގެ ފަރާތުން ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް އައްޔަންކުރާ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމަށްވުމާއި ރާއްޖޭގައި ދިރިއުޅޭ މީހަކަށްވާން ޖެހޭނެ ކަމަށް ހިމަނާފައިވެ އެވެ.

މި ގާނޫނާ ހިލާފުވާ ފަރާތްތަކަށް އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ވެސް އެ އިސްލާހުގައި ވަނީ ބޮޑުކޮށްފައެވެ. މިހާރު ގާނޫނުގައި ގިނަވެގެން 20،000 ރުފިޔާ އާ ހަމައަށް ކުރާ ޖޫރިމަނާ އެ އިސްލާހުގައި ވަނީ 100،000 ރުފިޔާއަށް އިތުރުކޮށްފައެވެ.