އދ. އޮމަދޫގެ ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ އޮމަދޫ ރައްޔިތުންނަށް ފަސޭހަކަމާއެކު ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި، މިހާރު ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑްކުރުމަށް ކޭބަލް ވަޅުލުމުގެ މަސައްކަތް ވަރަށް ބަރަށް ކުރިއަށްދާ ކަމަށެވެ.

މި މަސައްކަތުގައި ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި 3،600 މީޓަރުގެ ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. ސްޓެލްކޯއިގެ އަމާޒަކީ އަންނަ މަހުގެ ކުރީކޮޅު މިމަސައްކަތް ނިންމާލުމެވެ.

ސްޓެލްކޯއިން އަންނަނީ އެ ކުންފުނިން ރަށްރަށުގައި ދެމުންދާ ހިދުމަތް ރަނގަޅުކޮށް ފުޅާ ކުރަމުންނެވެ.

އެގޮތުން އދ. ހަންޏާމީދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެރަށަށް އިތުރު ޖަނަރޭޓަރު ސެޓެއް ސްޓެލްކޯއިން ފޮނުވައިފަ އެވެ. މިޖަނަރޭޓަރު ސެޓަކީ ސްޓެލްކޯގެ ވޯކްޝޮޕުން އެންމެ ފުރަތަމަ އެސެމްބަލް ކުރި ސްޓެވޯ ބްރޭންޑްގެ STW300 މޮޑެލްގެ ޖަނަރޭޓަރު ސެޓެކެވެ.