މީޑިއާނެޓުގެ ވީޑިއޯކްލަބް ހިދުމަތަކީ ވީޑިއޯ އޮން ޑިމާންޑް ކޮންސެޕްޓުގައި ދިވެހިރާއްޖެއިން މިހާރު އެންމެ ކުރިއަރަމުން އަންނަ ޕްލެޓްފޯމެވެ. ދިވެހި އަމިއްލަ އުފެއްދުންތަކާއި އިނގިރޭސި، ހިންދީ އަދި މި ނޫނަސް އެކި ކަންކޮޅުތަކުގައި އުފައްދާ މުނިފީހުފިލުވަނިވި ފިލްމާއި ސީރީޒް މި ހިދުމަތް މެދުވެރިކޮށް ފަސޭހަކަމާއެކު ދިވެހިންނަށް ބަލާލެވެ އެވެ. އެމް އޮރިޖިނަލްސް ބެނާރގެ ދަށުން ދިވެހި އައު އުފެއްދުންތަކެއްވެސް އަންނަނީ މި ޚިދުމަތް މެދުވެރިކޮށް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ.

މިއަދު މި ފާހަގަކޮށްލަނީ ވީޑިއޯކްލަބުން ބަލާލެވޭ ޖަޕާނުގެ މަޝްހޫރު ޑްރާމާ ސީރީޒްތަކެވެ. އެނިމޭގެ އިތުރުން ޖަޕަނީޒް ސިނަމާއަކީ ދިވެހިންގެ މެދުގައި މަގްބޫލު ފިލްމާއި ސީރީޒް އުފައްދާ ގައުމެކެވެ. ރީތި ވާހަކަތަކެއްގެ އިތުރުން ވަރަށް ފުރިހަމަ މަންޒަރުތަކެއް މި ފިލްމާއި ސީރީޒްތަކުގައި ހިމަނާފައިވެއެވެ. ވީޑިއޯ ކްލަބް ޚިދުމަތުގައި ފާހަގަކޮށްލެވޭ ޖަޕަނީޒް ކޮންޓެންޓްގެ ތެރެއިން އެއްދުވަހުން ބަލާލެވޭނެ ނުވަތަ ބިންޖްވޮޗް ކޮށްލެވޭނެ ބައެއް ސީރީޒްތަކަށް ބަލާލަމާ ހިނގާށެވެ.

ކެޕްޗާޑް ހޮސްޕިޓަލް

ކައިސޭޑޯ ހޮސްޕިޓަލްގައި ހިނގާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ސީރީޒްއަކީ ޖުމްލަ 10 އެޕިސޯޑު ހިމެނޭ ސީރީޒްއެކެވެ. މި ސީރީޒްގައި ދައްކުވައިދެނީ ހަޔައްކީ ޔަގްޔޯ ކިޔާ ގޭންގެއެއް ބަރު ހަތިރާރާއި މާސްކާއެކު ހޮސްޕިޓަލުތެރެއަށް ވަދެ ދޭ ހަމަލާތަކަށްފަހު ސުބަރޯ މުސަޝީ ކިޔާ ޑިޓެކްޓިވްއެއް އެމީހުން އިންސާފުގެ ކުރިމައްޗައް ގެނައުމަށްކުރާ މަސައްކަތެވެ. މި ސީރީޒްއަކީ އެކްޝަން އަދި ސަސްޕެންސް ކަމުދާ ފަރާތްތަކަށް ވަރަށް ކަމުދާނެ ސީރީޒްއެކެވެ.

އަންނޯއުން

2023 ވަނަ އަހަރު ރިލީޒްކުރެވުނު މި ސީރީޒްއަކީ މުޅި ދުނިޔޭގައިވެސް ގިނަބައެއްގެ މަގްބޫލުކަން ހޯދި ސީރީޒްއެކެވެ. މި ސީރީޒްގައި ދައްކައިދެނީ ޖަޕާނުގެ ހަމަހިމޭން ސަހަރެއްގައި ގަތުލްއާންމުތަކެއް ހިނގައިގެން އުޅޭ ހާދިސާއެކެވެ. ހައިރާންކުރުވަނިވި ކަމަކީ މަރުވާ އެންމެންގެ ގައިން ލޭ ހުސްވެފައި ހުންނަކަމެވެ. މި ހާދިސާއަށް ފަސްއަހަރު ވެގެން ދާއިރު ކޮކޮރޯ އަދި ތޮރަމަތްސޫ ލޯބިން ގުޅިގެން އުޅޭތާ އަހަރެއް ފާއިތުވެގެންދެއެވެ. އަދި މަޑުމަޑުން ފޮރުވިފައިވާ ސިއްރުތައް ހާމަވާންފަށައެވެ. މިއީ ވެމްޕަޔާ އަކާ އާދައިގެ އިންސާނެއްގެ ލޯބީގެ ވާހަކައެއް ހިމެނޭ ސީރީޒްއެކެވެ. މި ސީރީޒްގައި ޖުމްލަ 9 އެޕިސޯޑު ހިމެނިފައިވެއެވެ.

ޑިއާ މައި ލޯންލިނެސް އެންޑް ޑާކްނެސް

14 އަހަރަށް ފަހު ސްކޫލް ރީޔުނިއެން ޕާޓީއަކުން އަނބުރާ ދިމާވާ ހަ ރަޙުމަތްތެރިންގެ ވާހަކަ މި ސީރީޒްއިން ދައްކުވައިދެ އެވެ. މި ޕާޓީތެރެއިން އެންމެން ދިމާވެ އަހަރުތަކެއް ކުރިން ގްރެޖުއޭޝަންގައި ވަޅުލި ޓައިމް ކެޕްސޫލް ކޮނެގެން ނެގުމަށް އެންމެން ނިންމަ އެވެ. ޓައިމް ކެޕްސޫލުގައި ހިމެނޭ ނޯޓެއްގައި "ޔުކީ ނަކާނޯ" މި ނަން އޮތަސް އެއީ ކާކުކަން މި ރަހުމަތްތެރިންގެ ތެރެއިން އެކަކަށްވެސް ސިފަ ނުކުރެވެއެވެ. އެހެންކަމުން ޔުކީ ނަކާނޯއަކީ ކާކުކަން ހޯދަން ކުރާ މަސައްކަތް މި ސީރީޒުން ފެނިގެންދާނެއެވެ. މި ސީރީޒްގައި ޖުމްލަ 8 އެޕިސޯޑު ހިމެނިފައިވެ އެވެ.

ގްރޭޓް ޓީޗާ އޮނިޒުކާ

ގްރޭޓް ޓީޗާ އޮނިޒުކާ ނުވަތަ ޖީ ޓީ އޯ އަކީ މަޝްހޫރު މަންގާއެއްގެ މައްޗައް ބިނާކޮށް ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ. މި ސީރީޒްގެ އެނިމޭއެއްވެސް އުފައްދާފައިވާކަން ފާހަގަކޮށްލެވެ އެވެ. މި ސީރީޒްގައި ފެނިގެންދާނީ އޮނިޒުކާ ނަމަކަށް ކިޔާ ކުރީގެ ބައިކާ ގޭންގެއްގެ އިސްމީހެއް ސްކޫލެއްގެ ޓީޗަރެއްގެ ވަޒީފާ އަދާ ކުރަން ދިޔުމުން ދިމާވާ އެކި އެކި ހާދިސާތަކެވެ. މިއީ ކޮމެޑީ ސީރީޒްއެއްކަން ފާހަގަކޮށްލެވެއެވެ. މި ސީރީޒްގެ ސީޒަން 1ގެ 11 އެޕިސޯޑު އަދި ސީޒަން 2ގެ 4 އެޕިސޯޑު މިހާރު ވީޑީއޯކްލަބުން ބަލާލެވޭނެ އެވެ.

މަގްބޫލު ޖަޕަނީޒް ސީރީޒްތަކެއް ވީޑިއޯކްލަބް ޚިދުމަތުގައި ހިމެނިގެންދިއުމީ މި ޕްލެޓްފޯމް ކުރިއަށް އެރުމުގައި އެޅިގެންދިޔަ އިތުރު ބޮޅެކެވެ. ވީޑިއޯ ކްލަބުން މި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުވަނީ އެ ޚިދުމަތުގެ ތިންވަނަ އަހަރީ ދުވަސް ފާހަގަކޮށްފަ އެވެ. މި އަހަރަކީވެސް ގިނަގުނަ އައު ކޮންޓެންޓް ވީޑިއޯކްލަބް މެދުވެރިކޮށް ދިވެހިންނާއި ހަމައަށް ގެނެސްދޭނެ އަހަރެއްކަމަށް އެފަރާތުން ފާހަގަކުރެބު އެވެ.