އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ޑިޕާޗާ ޓެކްސް ނަގަން ފަށައިފި އެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޑިޕާޗާ ޓެކްސް ނެގުމުގެ ބިލް ތަސްދީގު ކޮށްފައިވާއިރު، މި ޓެކްސް ނަގަން ފަށާފައި ވަނީ އިއްޔެއިން ފެށިގެންނެވެ.

ރާއްޖޭގެ ކޮންމެ އެއާޕޯޓަކުން ބޭރަށް ދަތުރު ކުރާ ހުރިހާ ފަސިންޖަރުންގެ އަތުން ޑިޕާޗާ ޓެކްސް ނެގުމަށް ގާނޫނުގައި ހިމަނާފައިވެ އެވެ. ހަތަރު ކްލާހަކަށް ބަހާލައިގެން ނަގާ އެ ޓެކްސް، އިކޮނޮމީ ކްލާހުގައި ދިވެހިންނާއި ބިދޭސީންނަށް ތަފާތެވެ. ނަމަވެސް ދެން ހުރި ކުލާސްތަކުން ދިވެހިންނާއި ބިދޭސީންގެ އަތުން ނަގާނީ އެއް އަދަދުތަކެކެވެ.

ޑިޕާޗާ ޓެކްސް ނަގާ މިންވަރު:

  • އިކޮނޮމީ ކްލާސް: ދިވެހިންގެ އަތުން 12 ޑޮލަރު؛ ބިދޭސީންގެ އަތުން 30 ޑޮލަރު
  • ބިޒްނަސް ކްލާސް: 60 ޑޮލަރު
  • ފަސްޓު ކްލާސް: 90 ޑޮލަރު
  • ޕްރައިވެޓް ޖެޓް: 120 ޑޮލަރު

ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިންގެ އަތުން މި ޓެކްސް ނުނަގާނެއެވެ. ޑިޕާޗރ ޓެކްސްގެ އިތުރުން ކުރިން ނަގަމުންދިޔަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ވަނީ އިތުރުކޮށްފަ އެވެ.