ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހަދާ ޓާމިނަލްގައި ފަސިންޖަރުންނަށް ހިދުމަތް ދޭ 300 މުވައްޒަފުންނަށް ހާއްސަ ތަމްރީނުތަކެއް ފަށައިފި އެވެ.
އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މިއީ އަންނަ މަހުގެ 26 ވަނަ ދުވަހު އާ ޓާމިނަލް ހުޅުވާއިރު ހިދުމަތް ދޭ މުވައްޒަފުންނަކީ އެތަނުން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ހިނިތުންވުމާއި، އޯގާތެރިކަމާއި، ދިވެހީންގެ މެހެމާންދާރީއާއެކު މުޢާމަލާތްކޮށް ހިދުމަތް ދޭނެ ގާބިލު ބަޔަކަށް ހެދުމަށް ކުރިއަށް ގެންދާ ތަމްރީނުތަކެއް ކަމަށެވެ.
އެ ކުންފުނިން ބުނިގޮތުގައި މި ތަމްރީނުތައް ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބެޗު ކުރިއަށްދާނީ އަންނަ މަހުގެ 9 ގެ ނިޔަލަށެވެ. މި ބެޗުގައި 150 އަށްވުރެ ގިނަ މުވައްޒަފުން ތަމްރީނުކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. އޭގެ ތެރޭގައި އާ ޓާމިނަލުގައި ހިދުމަތް ދިނުމަށް އަލަށް ނެގި މުވައްޒަފުންނާއި މިހާރުގެ ޓާމިނަލުގައި ހިދުމަތް ދެމުން އަންނަ މުވައްޒަފުން ހިމެނޭ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
މި ތަމްރީނުތަކުގައި ކިޔަވައިދެނީ ކަސްޓަމާ ސާވިސް ޓްރެއިނިން ދިނުމުގައި ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ކޯޗް މަސްޢޫދު އަލީ އެވެ.
މި ތަމްރީނުތަކާ ގުޅޭ ގޮތުން ފަސިންޖާ ސާވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުޝްތާގު ވިދާޅުވީ އެއާޕޯޓުން ޚިދުމަތް ހޯދާ ފަސިންޖަރުންނަށް ފުރިހަމަ ޚިދުމަތެއް ދިނުމަކީ އަބަދުވެސް އެންމެ އިސްކަންދޭނެ ފުރަތަމަ ކަންތައް ކަމަށެވެ. އެގޮތުން އާ ޓާމިނަލެއް ހުޅުވާއިރު، އެތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށްޓަކައި އެތަނުގެ މުވައްޒަފުންނަކީ ފަސިންޖަރުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް، ކުޅަދާނަ އަދި ގާބިލް މުވައްޒަފުންނަށް ހެދުމަށް އެމްއޭސީއެލުން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ސެކްޝަންގެ ޖެނެރަލް މެނޭޖަރު މިސްބާހު އަހުމަދު ވިދާޅުވީ، ޖާގައިގެ ގޮތުން ތަނަވަސް އަދި ފުރިހަމަ ޓާމިނަލެއް ހުޅުވާއިރު އެތަނުން ދެވޭ ޚިދުމަތަކީ ވެސް މަތީ ފަންތީގެ ޚިދުމަތްތަކަށް ވުން މުހިންމު ކަމަށެވެ. އެގޮތުން މި ކަސްޓަމާ ސާވިސް ޓްރައިނިން ޕްރޮގްރާމަކީ އެމް.އޭ.ސީ.އެލްގެ ކޮންމެ މުވައްޒަފަކީ ޚިދުމަތް ދިނުމުގައި ހިތްހެޔޮކަމާއެކު ފަސިންޖަރުންނަށް މެހެމާންދާރީ ފޯރުކޮށްދޭ ބައެއްކަން ކަށަވަރު ކުރުމަށް ހިންގާ ތަމްރީނުތަކެއް ކަމުގައި މިސްބާހު ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނީ މިނިވަންދުވަހާ ގުޅިގެން ހުޅުވުމަށް ނިންމާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޕަސެންޖާ ޓާމިނަލް ވެގެންދާނީ އެތަނުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތި އަދި ޒަމާނީ ވަސީލަތްތައް ގާއިމްވެފައިވާ ތަނަވަސް ޓާމިނަލަކަށް ކަމަށެވެ. އަދި ޓާމިނަލް ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށް ދާއިރު، އެކި ދާއިރާތަކުން މުއައްޒަފުން ތަމްރީންކުރުމަށް ޚާއްސަ ސަމާލުކަމެއް ދީގެން ގިނަ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެ އެވެ.