ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އަލަށް ހެދި ޖާގަ ތަނަވަސް، ހިތްގައިމު "މާމަހި" އެގްޒެކެޓިވް ލައުންޖް ފަސިންޖަރުންނަށް މިއަދު ހެނދުނު ހުޅުވާލައިފި އެވެ.

ކުރީގެ އަކުއާ ރެސްޓޯރަންޓް ހުރި ތަނުގައި މޫދު ފެންނަ ގޮތަށް 2،200 އަކަމީޓަރުގެ ސަރަހައްދެއްގައި ހަތަރު ބުރި އަށް ހެދި ވީއައިޕީ ކޮމްޕްލެކްސްގައި ޗެކިން ކުރެވޭނެ ފެސިލިޓީ އާއި ކެއިން ބުއިމުގެ ހިދުމަތްތަކާއި ފާޚާނާގެ އިތުރުން ފެންވެރޭނެ ގޮތާއި ދެ ޖިންސަށް ވަކިން ނަމާދު ކުރެވޭނެ ގޮތްތައް ވެސް ހުރެ އެވެ.

މިއީ ކުރިން ބޭނުންކުރި ވީއައިޕީ އަދި ސީއައިޕީ ޓާމިނަލަށް ވުރެ ޖާގައިގެ ގޮތުން ދިހަ ގުނަ ބޮޑު ތަނެކެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ވީއައިޕީ އަދި ސީއައިޕީ ލައުންޖްގައި މިއަދު ހިދުމަތް ދެނީ. ފޮޓޯ: އެމްއޭސީއެލް

އަލަށް ހެދި އިމާރާތުގައި އެއްފަހަރާ 95 މީހުނަށް ޚިދުމަތްދެވެ އެވެ. އަދި ކުރިން ބޭނުންކުރި ވީއައިޕީ ޓާމިނަލުން އެއްފަހަރާ ޚިދުމަތް ދެވެނީ 65 މީހުންނަށެވެ.

ކުރީ ސަރުކާރުން ހަވާލުކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ވީއައިޕީ ކޮމްޕްލެކްސްގެ ފުރަތަމަ ފިޔަވަހި ވެސް ހެދީ އެ އެއާޕޯޓުގެ އާ ރަންވޭ އާއި ފިއުލް ފާމް އަދި ކާގޯ ޓާމިނަލް ހެދި ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ވީއައިޕީ އަދި ސީއައިޕީ ލައުންޖް. މި އިމާރާތުގައި ވަކި ވަކި ލައުންޖް އެރިއާތަކެއް ވެސް ހުރޭ. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނީ މި ޓާމިނަލް ބޭނުންކުރަން ފެށުމުން، ކުރީގެ ވީއައިޕީ ޓާމިނަލް ތަޅާލައި، އެތަނުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފަށާނެ ކަމަށެވެ. އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމުމުން، ޓާމިނަލްގެ ޖުމްލަ ބޮޑުމިން 6،800 އަކަފޫޓަށް އިތުރުވާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ހެދި ވީއައިޕީ އަދި ސީއައިޕީ ލައުންޖްގެ ޑިއުޓީ ފްރީ ފިހާރަ. މި އިމާރާތުގައި އެއްފަހަރާ 95 މީހުންނަށް ޚިދުމަތްދެވޭނެ. ފޮޓޯ: އެމްއޭސީއެލް

އެމްއޭސީއެލް އިން ބުނެފައި ވަނީ އާ ވީއައިޕީ އަދި ސީއައިޕީ ޓާމިނަލް ބޭނުންކުރަން ފެށި ނަމަވެސް އެތަނުން ދޭ ހިދުމަތްތަކުން ނަގާ ފީއަށް މިވަގުތު އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި އަގުތަކަށް ބަދަލު ގެންނަނީ އެ ޓާމިނަލްގެ ފޭސް އެކެއްގެ ހުރިހާ ސާމާނަކާއި ހިދުމަތްތައް ފުރިހަމަވުމުން ކަމަށް ވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން އެތަނުން ނަގާ އަގުތައް ކަނޑައެޅުމުގެ ކުރިން ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.