މަންޓާ އެއާއިން އައްޑޫއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މަންޓާ އެއާއިން ބުނީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ދިނުމާއެކު މިމަހުގެ ތެރޭގައި އައްޑޫއަށް ދަތުރުތައް ފެށޭނެ ކަމަށެވެ.

މާލެ އާއި އައްޑޫއާ ދެމެދު ފަށާ ދަތުރުތަކުގެ ޓިކެޓްގެ އަގުތައް އިއުލާން ކުރަން ނިންމާފައި ވަނީ ވެސް ދަތުރުތައް ފަށަން ހުއްދަ ލިބުމުންނެވެ.

މަންޓާ އެއާގެ ދަތުރުތައް ފެށުމަށް ތައްޔާރުވަމުން ދަނީ އައްޑޫގެ ކަމާ ގުޅޭ ފަރާތްތަކާއެކު ކުރި މަޝްވަރާތަކަށް ފަހު އެ އެއާލައިންގެ އައްޑޫ ދަތުރުތަކަށް ޑިމާންޑް އޮންނާނެ ކަމަށް ބަލައިގެންނެވެ.

އައްޑޫއަށް ކުރާ ދަތުރުތަކުގައި މަންޓާ އެއާ އިން ބޭނުންކުރަން ނިންމާފައިވަނީ އޭޓީއާރު 600-72 މަރުކާގެ ޖާގަ ތަނަވަސް ބޯޓުތަކެކެވެ.

ރާއްޖޭގައި އެންމެ ފަހުން ޑޮމެސްޓިކް ދަތުރުތައް ފެށި މަންޓާ އެއާލައިނުން މިހާރު ދަތުރުކުރަނީ ދެ އެއާޕޯޓަކަށެވެ. އެއީ ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓެވެ.