ހަ ރަށެއްގައި އެއާޕޯޓް ތަރައްގީކުރުމަށް ހުޅުވާލި ފުރުސަތުގައި، ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން ހުށައެޅޭނެ އެންމެ ދަށް އަގު ތިން މިލިއަން ޑޮލަރަށް ކުޑަކޮށް، ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.

މިދިޔަ އަހަރު ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ސަރުކާރުން ވަނީ ހަ ރަށެއްގައި އެއާޕޯޓް އެޅުމުގެ ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފަ އެވެ. އެގޮތުން އެއާޕޯޓް އެޅުމަށް ހުޅުވާލި ރަށްތަކަކީ ބ. ތުޅާދޫ، ށ. ބިލެތްފަހި، ތ. ވިލުފުށި، ހދ. މަކުނުދޫ، ފ.މަގޫދޫގެ އިތުރުން ރ.އަތޮޅުގެ ދެކުނު ބިތުގައި އެއާޕޯޓް ތަރައްގީކުރުމަށެވެ

މި ހަ އެއާޕޯޓް ތަރައްޤީކުރުމަށް 133 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ލަފާކޮށްފައިވެ އެވެ. އެއީ ދިވެހި ރުފިޔާއިން ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާ އެވެ.

މި މަސައްކަތަށް ކުރިން ހުޅުވާލާފައިވަނީ ޝައުގުވެރިކަން ފާޅުކުރުމުގައި މުޅި އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށްވެސް ހުށަހެޅޭގޮތަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރުމުގައި އެއަރޕޯޓެއްގެ ތަރައްޤީއަށް އެންމެ މަގުދުވެގެން ހުށައެޅޭނެ ފައިސާގެ އަދަދަކީ ފަސް މިލިއަން ޑޮލަރުކަމަށް ކަނޑައަޅާފައިވެ އެވެ.

ޕްލޭނިން މިނިސްޓްރީއިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މުޅި އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ އޭގެއިން ބައެއް ތަރައްޤީކުރުމަށް ފައިނޭންސް ކުރުމަށް ހުށައެޅިދާނެކަމަށެވެ. އަދި ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުން އެންމެ މަދުން ހުށައެޅޭނެ އަގުވަނީ 5 މިލިއަނުން 3 މިލިއަން ޑޮލަރަށް ކުޑަކޮށްފަ އެވެ.

މި ޕްރޮޖެކްޓަށް ހުޅުވާލާފައިވަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދުގެ ދަށުންނެވެ. ފައިނޭންސް ކުރުމުގެ އުސޫލު ކަނޑައަޅާފައިވަނީ އެއާޕޯޓް ތަރައްގީކުރުމަށް ދޭ އިންވެސްޓްމަންޓް އަދަދު އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓް އަދި އެތަނެއްގެ ބިމުގެ ކުލީގެ ގޮތުގައި ކަނޑައަޅާ ފައިސާގެ އަދަދާ އަޅައި ކަނޑައި ދޭގޮތަށެވެ.

މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ)ގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. އީމެއިލުން ނަމަ ފޮނުވާނީ، [email protected] އަށެވެ. އަދި ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެކަމަށް ޕްލޭނިން މިނިސްޓްރީން ހާމަކުރެ އެވެ.

ޝައުގުވެރިކަން ފާޅުކުރުމަށް ވަކި މުއްދަތެއް ކަނޑައަޅާފައެއް ނުވެ އެވެ.