އޭޝިއާގެ އެންމެ ބޮޑު މަހުޖަނު، އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ "ރިލަޔަންސް ޖިއޯ" އާ ހަވާލުކޮށްގެން ރާއްޖެއަށް ސަބްމެރިން ކޭބަލް އަޅަނީ ސީދާ ސަރުކާރުން ހަރަދުކޮށްގެން ކަމަށާއި، އެ މަޝްރޫއަށް 22.5 މިލިއަން ޑޮލަރު (346.95 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް މިއަދު ބުނެފި އެވެ.

ސަބްމެރިން ކޭބަލް އަޅަން ސަރުކާރުން އުފެއްދި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ، އޯޝަން ކަނެކްޓިވިޓީ މޯލްޑިވްސް (އޯސީއެމް) ޗެއާމަން ރިޔާޒު މަންސޫރު (މަންޗު) "ހުރިހާ" އާ ވާހަކަދައްކަވަމުން ވިދާޅުވީ ސަބްމެރިން ކޭބަލް އެޅުމުގެ ހުރިހާ ހަރަދެއް މިވަގުތު ކުރަނީ ސަރުކާރުން ކަމަށެވެ. އަދި ޖިއޯއަކީ އެ މަސައްކަތުގެ ކޮންޓްރެކްޓަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިވަގުތު މިކަމަށް ހިނގާ ހަރަދުތައް ކުރާނީ ސީދާ ސަރުކާރުން. ނަމަވެސް ފަހުން މި ހިދުމަތް ފުޅާކުރަން އިންވެސްޓަރުން ހޯދަން ނިންމާފައި ވަނީ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޭބަލަށް މިވަގުތު ސަރުކާރުން ހަރަދުކުރި ނަމަވެސް ކުރިމަގުގައި އަމިއްލަ ކުންފުނިތަކަށް އެ ކުންފުނީގައި އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"މި މަސައްކަތަށް އިންވެސްޓަރުން ހޯދައިގެން ފައިނޭންސް ކުރަން ޖެހޭ. މިއީ ބޭރު ފައިސާ ހޯދަން ވިޔަފާރިއަށް އުފައްދާފައި އޮތް ކުންފުންޏެއް،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނި ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށް، ހުރިހާ އެންމެންނަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލަން ގަސްދުކޮށްފައިވާ ކަމަށެވެ.

"މިކަމަކީ ވަރަށް ފީސިބަލް ޕްރޮޖެކްޓްވާނެ. އަޅުގަނޑުމެންގެ އިކޮނޮމީ ޑައިވަސިފައިކުރަން ބަލާއިރު މިކަންކުރުމުން އަޅުގަނޑުމެންނަށް ބޭރު ފައިސާ ލިބޭނެ މަގެއް ހުޅުވިގެން މިދަނީ،" ރިޔާޒް ވިދާޅުވި އެވެ.

ސަރުކާރުގެ ސަބްމެރިން ކޭބަލް ގުޅިފައި ހުންނާނެ ގޮތުގެ ޗާޓެއް. ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އޭނާ ވިދާޅުވީ މި ކޭބަލް ގުޅާލާނީ ސިންގަޕޫރުން އިންޑިއާގެ މުމްބާއީއަށް ކޭބަލް އަޅަމުންދާއިރު ރާއްޖޭގެ އުތުރުން ތުރާކުނާ ދިމާލު ބޭރުން ކަމަށެވެ. އަދި އެ ކޭބަލް އައިސް ގުޅާލާނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަބްމެރިން ކޭބަލަށް ވުރެ ހެޔޮކޮށް އިންޓަނެޓް ދޭނެ ކޭބަލެއް ނޯންނާނެ ކަމަށެވެ. އަދި ޖިއޯ ކޭބަލް އަޅަނީ ސިންގަޕޫރާއި މުންބާއީ ސަބްމެރިން ގުޅޭ މައި ކޭބަލަށް ކަމަށާއި، މިއީ ރާއްޖެއަށް ގުޅާލާފައިވާ އެހެން ކޭބަލްތަކާ ތަފާތުކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. އަދި އިތުރަށް ވިދާޅުވީ މިއީ އަގު ހެޔޮވާނެ ސަބަބެއް ކަމަށެވެ.

"އަޅުގަނޑުމެން ކޭބަލް މި އަޅަނީ ޖެހިގެން އޮތް ގައުމުގެ ކުންފުންޏަކާ ކަމަށްވާ ނަމަ މައި އެކްސްޗޭންޖުތަކަށް ގޮސްފަ ޓްރެފިކް ލިބުމަށް ވަގުތު ނަގާނެ، އިތުރު ބައެއް ވަންނާނަމަ އެކަހަލަ ކަންތައް ތަކުން ވެސް އެއަށް ވަންނާނެ ހަރަދުތަކެއް. އެހެންވީމަ ސީދާ މައި އެކްސްޗޭންޖާ ގުޅުނީމަ އެއަށް ވުރެ އަގު ހެޔޮކޮށް ނުލިބޭނެ އިންޓަނެޓެއް،" މި މަޝްރޫއާ ބެހޭ ގޮތުން، ރިޔާޒު ވިދާޅުވި އެވެ.

މި ކޭބަލް ގުޅާލުމުގެ މަސައްކަތް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޯޝަން ކަނެކްޓުން ބުންޏެވެ. އައިއޭއެސް އިން ހިދުމަތް ދޭން ފަށާނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.

މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ދުނިޔޭގެ ދެ ބިތުގައި ދެ ކަނެކްޝަނެއް ތައާރަފުކުރާނެ އެވެ. އަދި ތާޑް ޕާޓީ ހަބްތަކަށް ބަރޯސާނުވެ ސިންގަޕޫރުން ޔޫރަޕަށް ސީދާ އިންޓަގްރޭޝަންތައް ލިބޭނެ އެވެ. މިއާ އެކު ރާއްޖޭގައި އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަަކަށް މި ކޭބަލް ބޭނުންކޮށްގެން މިހާރަށްވުރެ ހަރަދު ކުޑަކޮށް ހިދުމަތް ދެވޭނެ އެވެ.

މި ކޭބަލާ އެކު އިންޓަނެޓް ގަންނަން ކުރާ ހޭދަ ކުޑަވެ، ޑޭޓާ އާއި އިންޓަނެޓަށް ސަރުކާރުން ކުރާ ހަރަދު ދެ ގުނައަށް ކުޑަވާނެ ކަމަށް އޯޝަން ކަނެކްޓުން ލަފާ ކުރެ އެވެ. އަދި މިއާއެކު އިންޓަނެޓުގެ ކެޕޭސިޓީ ވެސް ދެ ގުނައަށް އިތުރު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ލަފާ ކުރެ އެވެ.