ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލްގެ ސާވޭގެ މަސައްކަތް ފަށައިފި އެވެ.

އެ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާގެ ބިލިއަނަރު މުކޭޝް އަންބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ.

ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޑެޓް (އެމްއެފްއެމްސީ)ގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އޯޝަން ކެންޓް މޯލްޑިވްސް (އޯސީއެމް)އިން ސަބްމެރިން ކޭބަލް ސިސްޓަމެއް ގާއިމްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 21ގަ އެވެ.

އޯޝަން ކަނެޓް މޯލްޑިވްސްއިން ބުނާ ގޮތުގައި މި މަޝްރޫއު ވެގެންދާނީ، ރާއްޖޭގެ ޑިޖިޓަލް ބެކްބޯން ވަރުގަދަކޮށް، ހަލުވި ދުވެއްޔެއްގައި ޑިޖިޓަލް ޓްރާންސްފޮމޭޝަން ރާއްޖެއަށް ގެނައުމަށް ބާރުއަޅާ މަޝްރޫއަކަށެވެ. އަދި މި ކޭބަލް ހުޅުމާލެ ފޭސް ދޭކާ ގުޅާލާނީ އަންނަ އަހަރު ނިމުމުގެ ކުރިން ކަމަށާއި އެ ކޭބަލްގެ ޚިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ސަބްމެރިން ކޭބަލް އެޅުމުގެ ފުރަތަމަ މަރުހަލާއަކީ ސާވޭއެއް ކުރުމެވެ. އާންމު ގޮތެއްގައި މިކަމަށް ގާތްގަނޑަކަށް 4 މަހާއި 6 މަހާއި ދޭތެރޭގެ މުއްދަތެއް ހޭދަވާނެ ކަމަށް އޯޝަން ކަނެޓް މޯލްޑިވްސްއިން ބުންޏެވެ.

ނަމަވެސް އޯޝަން ކަނެކްޓް މޯލްޑިވްސްގެ އަމާޒަކީ ރެކޯޑް ވަގުތުގައި ކޭބަލް އެޅުމެވެ. އެގޮތުން މިހާރު ކުރިއަށްދާ ސާރވޭގެ މަސައްކަތް އެއް މަސްދުވަހުގެ ތެރޭގައި ނިންމާލުމަކީ އެ ކުންފުންޏާއި ސަރުކާރުން މި މަޝްރޫއަށް ދޭ އަހަންމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

"އޯޝަން ސާވޭޔާ" ބޯޓުން މިހާރު ކުރިއަށްދާ ސާވޭގެ މަސައްކަތް އަންނަ މަހުގެ 11 ވަނަ ދުވަހު ނިމޭނެ ކަމަށް އޯޝަން ކަނެކްޓް މޯލްޑިވްސްއިން ބުނެ އެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ސާވޭއަކީ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފެށުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. މިއީ ކޭބަލް އަޅާނެ މަގު ޗެކްކޮށް، އެ މަގުން ކޭބަލް އެޅޭނެ ގޮތް ބަލާނެ ކަމަށް ވެސް އޯޝަން ކަނެޓް މޯލްޑިވްސްއިން ބުނެ އެވެ.

"ޓެކްނިކަލް ގޮތުން ބަލާއިރު މި ސާވޭގައި އިންސްޓޯލްމަންޓް ޕްލޭނާއި ޕްރޮސީޖާތައް ފައިނަލް ކުރުމަށް ބޭނުންވާ އިންޓަގްރޭޓެޑް ޖިއޯފިޒިކަލް އަދި ޖިއޯޓެކްނިކަލް ޑޭޓާ ފޯރުކޮށްދެ އެވެ. އަދި ކޭބަލްގެ އެންމެ އެކަށޭނަ މަގު ދެނެގަތުމަށް ސީބެޑްގެ ގުދުރަތީ ގޮތުން ޑެޕްތު ޕްރޮފައިލްތަކާއި ފޮޓޯގްރަފީ މެޕްތައް ހިމެނޭ ޑޭޓާތައް އެއްކުރާނެ،" އެ ކުންފުނިން ބުނެ އެވެ.

މި ސަބްމެރިން ކޭބަލް މެދުވެރިކޮށް ރާއްޖެއާއި މުންބާއީއާއި، ސިންގަޕޫރާއި މި ސަހަރައްދުގެ އެހެން ސަރަހައްދުތަކާ ވެސް ގުޅާލެވޭނެ އެވެ.