މިދިޔަ ދެ އަހަރު ތެރޭގައި ކޮވިޑާ ހެދި ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ދިން ލުއިތަކާއެކު ދައުލަތަށް ނުލިބި އޮތް 16 ބިލިއަނެއްހާ ރުފިޔާ ހޯދުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ދައުލަތަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް އެޕްރީލް 1 އިން ފެށިގެން މީރާއިން ތަންފީޒީ މަސައްކަތްތައް ފަށާނެ ކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް މުޅި ޖުމްލަ 16 ބިލިއަން ރުފިޔާ ހޯދަން ޖެހޭކަން މީރާއިން ފާހަގަކޮށްފައިވެ އެވެ. އަދި މިއީ ޖޫރިމަނާތަކާއެކު ލިބެންޖެހޭ ޖުމްލަ އަދަދުކަމަށް ވެސް މީރާއިން ބުނެ އެވެ.

މި ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަދި ޓެކްސް ނޫން ގޮތަށް ދައްކަން ޖެހޭ ފައިސާ ހިމެނެ އެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޓެކްސްގެ ގޮތުގައި މިރާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު ނިޔަލަށް 5.3 ބިލިއަން ރުފިޔާ ލިބެން ޖެހެ އެވެ. އަދި ޓެކްސް ނޫން ފައިސާގެ ގޮތުގައި މީރާއަށް 10.6 ބިލިއަން ރުފިޔާ ލިބެން ޖެހެ އެވެ.

ކޮވިޑާ ގުޅިގެން ވަރަށް ގިނަ ރިސޯޓުތައް ބަންދުކުރުމުން ދައުލަތުން އެ ރަށްތަކުގެ ކުލި ފަސްކޮށްދީ ބޮޑެތި ލުއިތަކެއް ދިނެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އަދި ޓެކްސް ނޫން ފައިސާ ދެއްކުމުގައި ތަންފީޒީ މަސައްކަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމި އެވެ. އަދި ފައިސާ ދެއްކުމުގައި ލުއިގޮތްތަކެއް ވިޔަފާރިތަކަށް ވަނީ ދީފަ އެވެ.

ނަމަވެސް މިހާރު ރާއްޖޭގައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމުން އިގްތިސާދީ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ.