ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން އަންހެން ކުދިންނަށް އަމާޒުކޮށްގެން ޑޭޓާ ލިޓްރަސީ އިނީޝިއޭޓިވްއެއް އިއުލާންކޮށްފި އެވެ.

ދިރާގުން ބުނިގޮތުގައި "ގާލްސް އިން ޑޭޓާ" ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މިއަދުގެ ޑޭޓާ އިންޓެންސިވް ދުނިޔޭގައި ޑޭޓާގެ މުހިންމުކަން އަންހެން ކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގައި ޑޭޓާ އެއްކުރުމާއި، އޭގެން މާނަ ދޭހަކުރުމާއި، ޑޭޓާ ބޭނުންކޮށްގެން މުހިއްމު ނިންމުންތައް ނިންމާނެ ގޮތްތައް އެކުދިންނަށް ދަސްކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ގާލްސް އިން ޑޭޓާ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައި ވަނީ މެއި 15 ގަ އެވެ.

މި ޕްރޮގްރާމްގެ ފުރުތަމަ އެޑިޝަން އަމާޒުކުރަނީ މާލެ ސަރަހައްދުގެ ގްރޭޑް 5 އާއި 7 އާއި (10 އަހަރާއި 13 އަހަރާ) ދެމެދުގެ އަންހެން ކުދިންނަށެވެ.

"މި ޕްރޮގްރާމްގެ ދޮޅު މަސްދުވަހަށް ދެމިގެންދާއިރު ކުލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އޮންލައިންކޮށް. އަދި ޕްރޮގްރާމް ސްޓަރަކްޗާ ކުރެވިފައިވާނީ ޑޭޓާ ބޭނުންކުރުމުގެ އަސްލު މިސާލުތަކާއި، ރާއްޖޭގެ ބައެއް ޑޭޓާ އިންޓެންސިވް އިދާރާތަކަށް ފީލްޑް ޓްރިޕްތައް ވެސް ހިމަނައިގެން. އެއީ ބައިވެރިންނަށް ޑޭޓާ ބޭނުންކުރާ އަސްލު ހާލަތުތަކުގެ ތަޖުރިބާ ހޯދާދިނުމުގެ ބޭނުމުގައި،" ދިރާގުން ބުންޏެވެ.

މި ޕްރޮގްރާމްއަށް ރަޖިސްޓްރީ ކުރުމަށް މިމަހުގެ 12 އިން ފެށިގެން ވަނީ ހުޅުވާލަން ވަނީ ނިންމައިފަ އެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން womenintechmv.org ވެބްސައިޓް މެދުވެރިކޮށް އެ ފުރުސަތު ވަނީ ހުޅުވާލަން ނިންމައިފަ އެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް އެއް ނުނަގާނެ ކަމަށް ދިރާގުން ބުނެ އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްއަކީ ޓެކް އިންޑަސްޓްރީގައި މަސައްކަތް ކުރާ އަންހެނުން ބާރުވެރިކުރުވައި، މިދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރުކުރުމަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެކެވެ. ޑޭޓާ ސައިންސް ހުނަރަކީ ޓެކް ދާއިރާގެ ވަރަށް މުހިއްމު ހުނަރެއް ކަމަށްވުމާއެކު، ޑޭޓާއަށް އަހުލުވެރި ބަޔަކަށް ވުމަކީ ކޮންމެ މީހަކަށް ވެސް، ހާއްސަކޮށް އަންހެން ކުދިންނަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވިމެން އިން ޓެކް މޯލްޑިވްސްއިން ގަބޫލުކުރެ އެވެ.

ޓެކް ދާއިރާއިން އަންހެން ކުދިން ބާރުވެރިކުރުވުމަކީ ދިރާގުން މީގެ ކުރިން ވެސް ހާއްސަ އަހައްމިއްޔަތެއްގެ ދަށުން ކުރާ މަސައްކަތަކަށް ވެފައި، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގެ މަގްސަދަކީ އަންނަން އޮތް ޖީލުގެ އަންހެން ކުދިންނަށް ޑޭޓާގެ މުހިއްމުކަމުގެ މައުލޫމާތު ދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ޕްރޮގްރާމުން ދަސްވެގެންދާ ޑޭޓާގެ ހުނަރުތަކަކީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ބޭނުންކުރެވޭނެ ހުނަރު ކަމަށް ދިރާގުން ބުނެ އެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން މީގެ ކުރިންވެސް އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދިނުމުގެ މަގްސަދުގައި ގާލްސް ޓު ކޯޑްގެ ނަމުގައި ކޮންމެ އަހަރަކުވެސް ޕްރޮގްރާމެތަކެއް ދަނީ ހިންގަމުންނެވެ. ގާރލްސް ޓު ކޯޑް ޕްރޮގްރާމްގެ ދަށުން މިހާރު ވެސް ތިން ޕްރޮގްރާމެއް ވަނީ ހިންގާފަ އެވެ. ހަމަ އެފަދައިން "ގާލްސް އިން ޑޭޓާ" ޕްރޮގްރާމްގެ އިތުރު ބުރުތައް ރާއްޖޭގެ އެކި ސަހަރައްދުތަކުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ދިރާގާއި ވިމެން އިން ޓެކްއިން އުންމީދުކުރެ އެވެ.