މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ އަގު ކުއްލިއަކަށް ބޮޑު ކޮށްފި އެވެ.

މޯލްޑިވިއަނުން އެތެރޭގެ އުދުހުންތަކުގެ އަގުބޮޑުކުރުމުން ކޮންމެ ސެކްޓާއަކަށް ވަނީ 180 ރުފިޔާ އާއި 200 ރުފިޔާ ދެމެދުގެ އަދަދެއް ބޮޑުވެފަ އެވެ.

ޓިކެޓްގެ ބޮޑުކުރުމުން، މޯލްޑިވިއަނުން ކުރާ އެންމެ ދިގު ދަތުރު، މާލެއިން ގަމަށް، އަދި ގަމުން މާލެއަށް މިހާރު ޓިކެޓެއް ލިބެނީ 1،513 ރުފިޔާއަށެވެ. މީގެ ކުރިން އެޓިކެޓުގެ އަގަކީ 1،333 ރުފިޔާ އެވެ. އަދި ކުރިން ކާޑެއްދޫއަށް 1،222 ރުފިޔާއަށް ޓިކެޓު ލިބޭއިރު، މިހާރު ޓިކެޓުގެ އަގު ވަނީ 1،405 އަށް ބޮޑު ކޮށްފަ އެވެ.

ޓިކެޓުގެ އަގު ބޮޑު ކުރުމާ ގުޅޭ ގޮތުން މޯލްޑިވިއަނުން ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ނަމަވެސް އެއެއާލައިނުގެ ވެބްސައިޓުން މިހާރު ވަނީ ބޮޑު ކުރި އަގަށް ޓިކެޓުތަކުގެ އަގު ބަދަލު ކޮށްފަ އެވެ. އަދި އެއެއާލައިނުން ވަނީ ރޭގެ ވަގުތެއްގައި ހުރިހާ އެޖެންޓުންނަށް މިއަދުން (1 މޭއި) އިން ފެށިގެން ޓިކެޓުގެ އަގު ބޮޑު ކުރަން ނިންމާފައިވާކަން އަންގާފަ އެވެ.

މޯލްޑިވިއަނުން އުދުހުންތަކުގެ އަގު ބޮޑުކުރީ އީދު ބަންދާ ދިމާކޮށް އެތައް ބަޔަކު ދަތުރުކުރަން ޓިކެޓުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެފައި ވަނިކޮށެވެ. އަދި ކުއްލިއަކަށް ޓިކެޓުގެ އަގު ބޮޑުކުރުމުން ގިނަ ބަޔަކު ދަނީ ޝަކުވާކުރަމުންނެވެ.