ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، "އުރީދޫ ނޭޝަން-ގޭމަސް ލޭންޑް" ރާއްޖެއަށް ތައާރަފްކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްއިން މި ޕްލެޓްފޯރމް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގަ އެވެ.

އުރީދޫ ނޭޝަން ރާއްޖެއަށް ތައާރަފްކޮށްފައިވަނީ އުރީދޫގެ މެނޭޖްމަންޓާއި ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ބޭފުޅުންގެ ހާޒިރުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް އެވެ.

އެ ކުންފުނިން ބުނިގޮތުގައި އުރީދޫގެ ވަރުގަދަ 4ޖ އަދި 5ޖީ ނެޓްވޯކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު ވެވިފައިވާ ޕާޓްނާޝިޕްތަކުގެ އެހީގައި، އުރީދޫ ނޭޝަންގެ އަމާޒަކީ، ގޭމިންއާ ގުޅުންހުރި ހުރިހާ ހިދުމަތާއި މައުލޫމާތު އެއް ޕްލެޓްފޯމެއްގައި ގެނެސްދިނުމެވެ. އަދި އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަން އަދި މިނޫންވެސް ދުނިޔޭގެ އެކި ގޭމިން ޕްލެޓްފޯމްތަކުގެ ގިފްޓް ކާޑް ގަނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން، ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔާ، މޯބައިލް ލެޖެންޑްސް، ކޯލް އޮފް ޑިއުޓީ، ރޮބްލަކްސް އަދި މިނޫން ވެސް ގިނަ ގޭމްތަކަށް މޮބައިލް ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރެވޭނެ ކަމަށް ވެސް އުރީދޫން ބުނެ އެވެ.

ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް "އުރީދޫ ނޭޝަން-ގޭމާސް ލޭންޑް" ތައާރަފުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ ބައިވެރިވަނީ. ފޮޓޯ: އުރީދޫ

އެ ކުންފުނިން ބުނިގޮތުގައި ގޭމިން ޕެކްތަކާއި ގިފްޓް ކާޑު އަދި ކޮންޓެންޓްގެ ހިދުމަތުގެ އިތުރުން އުރީދޫ ނޭޝަން އިން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަނޭޝަނަލް މުބާރާތްތައްވެސް ކުރިއަށްދާނެ އެވެ. އެގޮތުން އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް، 100،000ރ. ގެ ޕްރައިޒް ޕޫލަކާއެކު މިރޭ ބޭއްވި ހާއްސަ ހަފްލާގައި ވަނީ އިއުލާނުކޮށްފަ އެވެ.

މި ޗެމްޕިއަންޝިޕްގައި ޕަބްޖީ ގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާވަރަކަށް ފައިސާގެ އިނާމު އިތުރުވަމުން ދާނެއެވެ. ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާއާއި ވަނަ އުރީދޫ ނޭޝަން ލީޑާބޯޑްއިން ފެންނާނެ އެވެ.

ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް "އުރީދޫ ނޭޝަން-ގޭމާސް ލޭންޑް" ތައާރަފުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ބައިވެރިވަނީ. ފޮޓޯ: އުރީދޫ

"ހަލުވިދުވެއްޔެއްގައި ބަދަލުވަމުން އަންނަ ގޭމިން އިންޑަސްޓްރީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެންގޮސްފައި. މިއަދު އަޅުގަނޑުމެން މި ހާސިލްކުރި މުހިންމު ލަނޑުދަނޑިއާއެކު، އައު ފުރުސަތުތަކާއެކު ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ. އުރީދޫ ނޭޝަން ރާއްޖޭގައި ތައާރަފްކުރުމަކީ، މި ދާއިރާގައި ޕްރޮފެޝަނަލް ބަޔަކަށް ވެ، އިތުރު ހަރުފަތަކަށް ވާސިލްވުމަށް، ލޯކަލް ގޭމިން ކޮމިއުނިޓީ ބާރުވެރިކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަޅުގަނޑުމެން މިތިބީ މި އިންޑަސްޓްރީގެ އިސް ސަފުގައި ހަރަކާތްތެރިވެ ރާއްޖޭގެ ގޭމިން ކޮމިއުނިޓީގެ ކުރިއެރުމަށް މަގުފަހިކޮށްދިނިމުގެ އަޒުމުގައި." އުރީދޫގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ ވިދާޅުވި އެވެ.

ޓެކްނޮލޮޖީއާއެކު ގޭމިން އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިންޑަސްޓްރީއެކެވެ. ފުރިހަމަ ގޭމިންގެ ތަޖުރިބާއެއް ކުރުމަށް ހަލުވި ސްޕީޑާއެކު ލޭޓެންސީ ދައް މެދުކެނޑުމެއްނެތް އިންޓަނެޓަކީ ގޭމަރުންނަށް މުހިންމު އެއްޗެކެވެ.

ކްލައުޑް ގޭމިން އަދި އޭއާރް/ވީއާރް ފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި ފުޅާވެ ޑިޖިޓަލް އިގްތިސާދު ކުރިއެރުވުމުގައި ގޭމިން އިންޑަސްޓްރީ މުހުންމު ރޯލެއް އަދާ ކުރެ އެވެ.

ބޭރު ދުނިޔޭގައި ގޭމަރުންނަށާއި އިންޑަސްޓްރީގެ ފަހަތުގައި ހަރަކާތްތެރިވާ އެކު ދާއިރާތަކަށް މިހާރު ތަނަވަސް އާމްދަނީއެއް ހޯދުމުގެ ފުރުސަތުތައްވެސްވަނީ ހުޅުވިފަ އެވެ.

ގޭމިންނަކީ މިހާރު ހަމައެކަނި މުނިފޫހިފިލުވުން ނުވަތަ ހޮބީއެއް ނޫންނެވެ، ޒުވާން ކުދިންނަށް ނިމުމެއް ނެތް ފުރުސަތުތަކެއް ތަނަވަސްކޮށްދޭ އިންޑަސްޓްރީއެކެވެ. އޭގެ ތެރޭގައި ޑިޒައިނަރުންނާއި ޑިވެލޮޕަރުންނާއި ޕްރޮގްރާމަރުންނާއި އިންޖިނިއަރުންނާއި ޕްރޮފެޝަނަލް ގޭމަރުން އާއި ސްޓްރީމްކުރާ މީހުންނާއި މިނޫންވެސް ތަފާތު އެކި ދާއިރާތަކުން ކެރިއާއެއް ގާއިމްކުރެވޭނެ އެވެ.

އުރީދޫގެ އަމާޒަކީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް، ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް މި ފުރުސަތުތައް ފަހިކޮށްދީ، އުރީދޫގެ ވަރުގަދަ 4ޖީ އަދި ފުޅާވަމުންދާ 5ޖީ ނެޓްވޯކްގެ ލޯ ލޭޓެންސީ މެދުވެރިކޮށް ފުރިހަމަ ތަޖުރިބާއެއް ފަހިކޮށްދިނުމެވެ.