ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ޚިދުމަތަށް އެޕްލައިކޮށްގެން ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު ހުޅުވާލާއިފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި ކަސްޓަމަރަކަށް އަބޫ ދާބީ، ޑުބާއީ އަދި އިސްތަންބޫލަށް ދެ މީހަކަށް ހިލޭ ދަތުރެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި މިދަތުރުގައި ހިލޭ ދެކޮޅު ޓިކެޓު އަދި އެކޮމޮޑޭޝަންގެ އިތުރުން ޑުބާއީ އަދި އިސްތަންބޫލްގެ ދެ ޓުއާއެއް ވެސް މި ޕެކޭޖްގައި ހިމެނެ އެވެ. އަދި މީގެ އިތުރުން 1،000 ޑޮލަރުގެ ޝޮޕިން އެލަވަންސެއް ވެސް ނަސީބުވެރި ފަރާތަކަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުގެ މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ ސެޕްޓެމްބަރު 30 ގެ ނިޔަލަށެވެ. އަދި މި ޕްރޮމޯޝަން މުއްދަތުގައި އަމިއްލަ ޕޯސްޓްޕެއިޑް ނުވަތަ ދިރާގު ޕޯސްޓްޕެއިޑް ޕްލޭންތަކަށް އެޕްލައިކުރާ ފަރާތްތަކުން ޑިޕޮސިޓްއެއް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން، އަލަށް ޕޯސްޓްޕެއިޑް ޕެލޭނެއް ނަގާ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އިތުރު ހިލޭ ޑޭޓާ އެލަވަންސްތަކާއެކު މަހު ކުލިން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ވެސް ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

"މިއީ ދިރާގުން ދޭ ތަފާތު ޕޯސްޓްޕެއިޑް ޕްލޭންތަކަށް ބަދަލުކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް. ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ގެ ތަފާތު ޕެކޭޖުތަކާއިއެކު، ކަސްޓަމަރުން ބޭނުންވާ ގޮތަށް ބޭނުންވާ އަގެއްގައި ތަފާތު ވޮއިސް އަދި ޑޭޓާ އެލަވަންސްތައް ޚިޔާރު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ،" އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނިގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާތައް ހެޔޮ އަގުގައި ގެނެސްދިނުމަށެވެ.