ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް ހެދި ރަންވޭ ބޭނުންކުރަން އަންނަ އޮކްޓޯބަރު މަހު ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއު ހިމަނައިގެން، އައު ރަންވޭ ތަރައްގީކުރުމުގެ މަސައްކަތް ފެށީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 2017 ވަނަ އަހަރު އެވެ. އަދި ރަންވޭގެ އަމަލީ މަސައްކަތް ނިންމާ 2018 ވަނަ އަހަރު ވަނީ އައު ރަންވޭއަށް ޓެސްޓް ފްލައިޓްވެސް ޖައްސާފަ އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް އައިރު ރަސްމީކޮށް އައު ރަންވޭ ބޭނުންކޮށްފައިނުވެ އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ކޯޕަރޭޓް އެފެއާޒް ހަސަން އަރީފް "ހުރިހާ" އަށް ވިދާޅުވީ އައު ރަންވޭގެ ޓެސްޓިން މަރުހަލާތައް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ އޮކްޓޯބަރު މަހުގައި އައު ރަންވޭ ބޭނުންކުރަން ފެށޭނެ ކަމަށެވެ.

"ޕީކް ސީސަން އަންނަވާއިރަށް އައު ރަންވޭވެސް ހުޅުވިގެންދާނެ، މިހާރު ކުރިއަށްދަނީ ޓެސްޓިން ފޭސްތައް، ފްލައިޓު ކޮލަބްރޭޝަން ޓެސްޓިންގ ފޭސަސް ވަރަށް އަވަހަށް ފެއްޓިގެންދާނެ، މި ބަލަނީ އޮކްޓޯބަރު ހިސާބަށް އައު ރަންވޭ ހުޅުވޭނެ ކަމަށް،" ހަސަން ވިދާޅުވި އެވެ.

ޓޫރިޒަމްގެ ޕީކް ސީޒަނާ ދިމާކޮށް އާ ރަންވޭގެ ބޭނުން ކުރަން ފެށުމުން އެއާޕޯޓުގެ އޮޕަރޭޝަން އިތުރަށް އަވަސް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހަސަން ވިދާޅުވީ އާ ރަންވޭ ބޭނުންކުރާ ނަމަ ގަޑިއަކު އަށް ބޯޓު ޖެއްސުމުގެ ބަދަލުގައި 16 ބޯޓު ޖެއްސޭނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޯޓު ލޭންޑް ނުކޮށް ވައިގެ ތެރޭގައި ދުއްވަން ޖެހޭ ވަގުތު މަދުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ޓީއެމްއޭއިން ބޭނުންކުރި ހެނގަރު ރޫޅާލަން ފަށާފައިވާ ކަމަށެވެ.

ކުރީގެ ސަރުކާރުން ހެދި މި ރަންވޭ އަކީ 3،400 މީޓަރުގެ ދިގު ރަންވޭ އެކެވެ. އެ ރަންވޭއަށް އެންމެ ބޮޑެތި ބޯޓު، އޭ 380 ގެ ބޯޓުތަކަށް ވެސް ޖެއްސޭނެ އެވެ.