އާ ރިސޯޓުތައް ހުޅުވުމާއި، ޓޫރިސްޓުން އަންނަ އަދަދު އިތުރުވަމުން އަންނާތީ ޑިމާންޑާ އެއްވަރަށް ހިދުމަތް ދޭން، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އިތުރު ސީޕްލޭނެއް ގެނެސްފި އެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓީއެމްއޭއިން މިއަދު ބުނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، އާ ރިސޯޓުތައް ހުޅުވަމުންދާ މި ދަނޑިވަޅު އެތަނުގެ އުޅަނދުތައް އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އިތުރު ސީޕްލޭނެއް އިއްޔެ ރާއްޖެ ގެނެސްފައިވާ ކަމަށް ޓީއެމްއޭއިން ބުނެ އެވެ.

މިއީ 'DHC-6 ޓްވިން އޮޓާސް' މަރުކާގެ ސީޕްލޭނެކެވެ. މި ބޯޓާއެކު ޓީއެމްއޭގެ ސީޕްލޭންގެ އަދަދު ވަނީ 59 އަކަށް އިތުރުވެފަ އެވެ.

ޓީއެމްއޭއިން ބުނީ މިއަހަރު ނިމޭއިރު އެއް މިލިޔަން ޓޫރިސްޓުންނަށް ހިދުމަތް ދެވޭނެ ކަމަށާއި ޑިމާންޑާ އެއްވަރަށް ދަތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން އިތުރު ބޯޓެއް ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ޓީއެމްއޭއިން އަންނަނީ 1989 ވަނަ އަހަރުން ފެށިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ރާއްޖޭގެ 14 އަތޮޅެއްގައި ހިމެނޭ 80 އަށް ވުރެ ގިނަ ރިސޯޓަށް ދަތުރުތައް ކުރަމުންނެވެ.