ތ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމަޔަށް ދާއިމީ ގޮތެއްގައި ބޭސްކާން ޖެހިފައި ތިބި 8،000 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ވިދާޅުވެއްޖެ އެެވެ.

ލ. ގަމުގައި ކުރިއަށް ގެންދާ "ވިއަވަތި" ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއެކު އިހައްދޫ ސްކޫލުގައި ރޭ ބޭއްވި ބައްދަލުވުމެއްގަ ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ ރަށްރަށަށް މެދުނުކެނޑި ބޭސް ފޮނުވުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ރަށްރަށުގައި ބޭސްކާން ޖެހޭ މީހުންގެ އަދަދު ނޭނގުން ކަމަށެވެ. އަދި އެ މައުލޫމާތު ހޯދިފައި ނެތުމުން ރަށްރަށަށް ބޭސް ފޮނުވަނީ އާބާދީއަށް ބަލާފައި ކަމަށާއި ނަމަވެސް އާބާދީ ކުޑަ ރަށްރަށުން ބޭސް ބޭނުން ކުރާ މިންވަރު އިތުރުވެ އަވަހަށް ބޭސް ހުސްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ އެމައްސަލައަށް ހައްލެއް ހޯދުމަށް އެ މައުލޫމާތު އެއްކުރުމަށް މިހާތަނަށް ބެލި ބެލުމުން ރާއްޖޭގެ އެންމެ ދެކުނުގެ ހަ އަތޮޅުގައި ދާއިމީކޮށް ބޭސްކާންޖެހޭ ޖުމުލަ 8،622 މީހުން ތިބި ކަން ފާހަގަވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް މީހުން ތިބީ ގއ. ކޮލަމާފުށީގައި ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ކޮލަމާފުށީގައި އެކަނި ވެސް ކޮލެސްޓްރޯލް ބޭސް ކާން ޖެހޭ 106 މީހުންނާއި ލޭމައްޗަށް ދިއުން ހުއްޓުވުމަށް ބޭސްކާން ޖެހޭ 122 މީހުން އެބަތިބި ކަމަށެވެ. އަދި މި އަދަދުތައް ހޯދިފައިވާތީ ރަށްރަށުން ބޭސް ހުސްވުމުގެ މައްސަލައަށް ހައްލެއް ގެނެވިފައިވާ ކަމަށް ވެސް އަމްރު ވިދާޅުވި އެވެ.