ރާއްޖެއިން ބޭރަށް ދަތުރުކުރާ އުރީދު ކަސްޓަމަރުން، އަމިއްލަ ސިމްކާޑުން އާއިލާއާއި ރައްޓެހިންނާއި ގުޅާލުމަށް ފަރުމާކޮށްފައިވާ ހާއްސަ ސިމް ކާޑް "އުރީދޫ ޕާސްޕޯޓް" މެދުވެރިކޮށް ރޯމިންގ ރޭޓްތަކުން 90 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫން ބުނެފި އެވެ.

އުރީދޫއިން ބުނީ އެ ކުންފުނިން ތައާރަފުކުރި ޕާސްޕޯޓަކީ 100 އަށް ވުރެ ގިނަ 4ޖީ ރޯމިން ބޭނުންކުރެވޭ ގައުމުތައް ހިމެނޭ ގޮތަށް 200 އަށްވުރެ ގިނަ ގައުމުގައި އެންމެ ހެޔޮ އަގުގައި ރޯމިންގެ ޚިދުމަތް ލިބޭ ސިމް ކާޑެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، އާންމުކޮށް ދަތުރުކުރާ ކަސްޓަމަރުންނަށް، ދަތުރުމަތީގައި އުޅޭއިރު އާއިލާ އާއި ރައްޓެހިންގެ ހާލު ބަލާލާ ގުޅުން ބަދަހި ކޮށްލުމަށް އުރީދޫ ޕާސްޕޯޓަކީ ވަރަށް ފުރިހަމަ ޚިދުމަތެއް ކަމަށެވެ.

"200 އަށްވުރެ ގައުމުގައި ރޯމިން ރޭޓްތަކުން ނުވަދިހަ ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބުމާއެކު، މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް. އަޅުގަނޑުމެންގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އެންމެ ފުރިހަމަ ޚިދުމަތްތަކާއި އެކު ކޮންމެ ތަނެއްގައި، ކޮންމެ ވަގުތަކުވެސް، ހެޔޮ އަގުގައި ފަސޭހަކަމާއެކު ކަސްޓަމަރުން ގުޅުވާލަދިނުމަށް،" ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ ޕޯސްޓްޕެއިޑް ރޯމިން ކަސްޓަމަރުން އަދި އަލަށް ރޯމިން އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް މާލޭގެ ކޮންމެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރަކުން ވެސް އުރީދޫ ޕާސްޕޯޓް ސިމަކަށް އަޕްގްރޭޑް ކޮށްލެވޭނެ އެވެ. ޑޭޓާ ރޯމިންގް ޚިދުމަތް ފަސޭހަކަމާއެކު *929*6# ގުޅައިގެން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން ޕާސްޕޯޓް ކަވަރޭޖް ލިބޭ ގައުމުތަކުގައި ރޯމިން ޚިދުމަތް ބޭނުން ކުރަން ފެށުމާއެކު އުރީދޫ ޕާސްޕޯޓް ސިމް އަމިއްލައަށް އެކްޓިވޭޓްވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫ ސިމް ކާޑު ޕާސްޕޯޓް ސިމް އަކަށް ބަދަލުކުރުމަށް ނުވަތަ އުރީދޫ ޕާސްޕޯޓް ކަވަރޭޖް ނުލިބޭ ގައުމުތަކުގައި ރޯމިން ކަސްޓަމަރުންނަށް އަދިވެސް ސްޓޭންޑަޑް ރޯމިން ރޭޓުތަކާއި އެއްގޮތަށް ރޯމިންގެ ޚިދުމަތް ބެނުންކުރެވޭނެ އެވެ.

ޕްރީޕެއިޑް ޕްލޭނަކަށް ނުވަތަ ބިލް ކޮންޓްރޯލް ޕްލޭނަކަށް ބަދަލުވާން ބޭނުންވާ އުރީދޫ ޕާސްޕޯޓް ކަސްޓަމަރުން، އުރީދޫ ޕާސްޕޯޓް ސިމް ޑީއެކްޓިވޭޓްކޮށް އާދައިގެ ސިމް ކާޑަކަށް ބަދަލުކޮށްލަން ޖެހޭނެ ކަމަށް އުރީދޫން ބުނެ އެވެ.