ޔޫއޭއީގެ އެންމެ އަގުހެޔޮ އެއާލައިން، "ވިޒް އެއާ"ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

ވިޒް އެއާގެ ފުރަތަމަ ފްލައިޓް މިއަދު ހަވީރު 5:00 ހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވާއިރު، އެކަން ފާހަގަކޮށް، އެ ފްލައިޓުން ރާއްޖެ އައި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު މަހުޖޫބު ޝުއާއު ބައިވެރިވެވަޑައިގަތެވެ.

ވިޒް އެއާގެ ދަތުރުތައް ހަފްތާއަކު 4 ދުވަހު ރާއްޖެއާއި އަބޫދާބީއާ ދެމެދު ބާއްވާނެ އެވެ. އެއީ ހޮނިހިރު، އާދީއްތަ، އަންގާރަ، އަދި ބުރާސްފަތި ދުވަހެވެ.

ކޮންމެ ދަތުރެއްގެ އަގަކީ 97 ޑޮލަރެވެ. މިދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ އެއާބަސް އޭ321 ނިއޯ މަރުކާގެ ބޯޓެކެވެ.

ޔޫއޭއީގެ އަބޫ ދާބީއާއި ރާއްޖެއާ ދެމެދު މިހާރު ސީދާ ދަތުރުތައް ކުރަނީ އިއްތިހާދު އެއާވޭސްއިން އެކަންޏެވެ.