ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި ސާފު ފައިދާގެ ގޮތުގައި 595 މިލިއަން ރުފިޔާ ލިބިއްޖެ އެެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯރޕުރަޓައިޒޭޝަން ބޯޑުން ނެރުނު މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ "ކުއާޓާލީ ރިވިއު" ރިޕޯޓުގައި އެމްއޭސީއެލްގެ މާލީ ހާލަތާއި ގުޅޭގޮތުން ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 595 މިލިއަން ރުފިޔާ އެކުންފުންޏަށް ލިބިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާރާއި އަޅާބަލާއިރު 39 ޕަސެންޓް އިތުރު އަދަދެކެވެ.

"ކުއާޓާލީ ރިވިއު" ރިޕޯޓުގައިވާ ގޮތުން އެކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު އާމްދަނީ އިތުުރުވެފައި ވަނީ، ތެލުގެ ޑިމާންޑާއި ތެލުގެ އަގުވުމުގެ ބޮޑުވުމުގެ ސަބަބުން ޖުމްލަ އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުންނެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓަރާއި އަޅާ ބަލާއިރު އެމްއޭސީއެލްއަށް ލިބުނު އާމްދަނީ ވަނީ 11 ޕަސެންޓް އިތުރުވެފަ އެވެ. އެގޮތުން ޖުމްލަ އާމްދަނީގެ ގޮތުގައި އެމްއޭސީއެލްއަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްރޮސް ޕްރޮފިޓް މާޖިން ނުވަތަ ކުންފުންނީގެ ހިންގުމުގެ ފައިދާ ވަނީ 35 ޕަސެންޓް އިތުރުވެފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 2019 އަހަރު 27،000 ގިނަ ބައިނަލްއަގުވާމީ ފްލައިޓު ޖެއްސިއިރު، މިދިޔަ އަހަރު އެ އަދަދު ވަނީ ކޮވިޑްގެ ފަހުން ވަނީ 25،000 އަށް އިތުރުވެފަ އެވެ. އެތެރޭގެ އުދުހުންތަކަށް 2019 ވަނަ އަހަރުގައި 35،000 ދަތުރު ކުރިއިރު، މިދިޔަ އަހަރު 23،000 އަށްވުރެ ގިނަ ދަތުރުތައް ވަނީ ކޮށްފަ އެވެ.