ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާ އިން މިއަދު ވަނީ 31 ޑިސެމްބަރު 2019 ގެ ނިޔަލަށް ހިނގާފައިވާ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ ބީޕީޓީ ގެ ފައިސާ ނުދައްކައިވާ ފަރާތްތަކާއި 2020 އަދި 2021 ވަނަ އަހަރުގެ ޓެކްސް ނެގޭ މުއްދަތުތަކަށް ނިސްބަތްވާ އިންކަމް ޓެކްސްގެ ބަޔާން ހުށަނާޅައިވާ ފަރާތްތަކާއި ފައިސާ ނުދައްކައިވާ ފަރާތްތަކުގެ ނަން ހާމަކޮށްފައެވެ. މިގޮތުން، މީރާއިން ޝާޢިއުކޮށްފައިވާ ލިސްޓުގައި ޖުމްލަ 393 ފަރާތެއްގެ ނަން ހާމަކޮށްފައިވެ އެވެ.

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓުގައި ހިމަނައިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔާން ހުށަހަޅައި ފައިސާ ދައްކާ ފަރާތްތައް އެ ލިސްޓުން އުނިކުރެވޭނެ ކަމަށް ވެސް މީރާ އިން ބުންޏެވެ. މީގެ އިތުރުން، މި މުއްދަތުގައި ޓެކްސް ދައްކާ ފަރާތްތަކުން ދައްކަން ޖެހޭ ޓެކުހުގެ އަދަދު އެއްފަހަރާ ދައްކާ ޚަލާސްކުރުމަށް އުޒުރުވެރިވާނަމަ، އިންސްޓޯލްމަންޓް ޕްލޭން ގެ ދަށުން މި އަދަދު ބައި ބަޔަށް ބަހައިލައިގެން ދެއްކޭގޮތަށް ހަމަޖެއްސޭނެ ވާހަކަވެސް މީރާއިން ވަނީ ބަޔާންކޮށްފަ އެވެ.

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަޅަން ފަށައިފައިވާކަމަށް މީރާއިން ނެރެފައިވާ އިޢުލާނެއްގައި ހާމަކޮށްފައިވެއެވެ. އަދި މިހާތަނަށް ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސް ނުކުރައްވައި ޓެކްސް ދެއްކެވުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.