ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނި، ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އަޅަން ފެށި ސަބްމެރިން ކޭބަލް މާދަމާ ރާއްޖެއާ ގުޅުވާލާނެ ކަމަށް ބުނެފި އެވެ.

މިކަމާ ގުޅޭ ޚާއްސަ ރަސްމިއްޔާތެއް މާދަމާ ހަވީރު ހުޅުމާލޭގައި ބާއްވަން ވަނީ ދެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

ސްރީލަންކާގެ ޑައިލޮގް އާއި ދިރާގު އަދި އުރީދޫ ގުޅިގެން ސްރީލަންކާއިން އަޅާ ކޭބަލް ގުޅާލަން ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށެވެ. މީގެ ކުރިން ހުރިހާ ސަބްމެރިން ކޭބަލްތައް ގުޅާލީ ހުޅުމާލޭގެ ފޭސް އެކަކާ އެވެ.

ސަބްމެރިން ކޭބަލްގެ މަސައްކަތް ޗައިނާގެ ވާވޭ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ ކޭބަލް އެޅީ ކުންފުނީގެ ދަށުން ހިންގާ "ވާވޭ މެރައިން" އިންނެވެ.

އާ ކޭބަލް އަޅަނީ ލަންކާގެ މައުންޓް ލެވީނިއާއާއި ހުޅުމާލެއާ ދެމެދު އެވެ.

ދިރާގާއި އުރީދޫ ހިއްސާވާ މި ކޭބަލްގެ ދިގުމިނަކީ 840 ކިލޯ މީޓަރެވެ. މި ކޭބަލް އަޅާފައި ވަނީ 3،700 މީޓަރު އަޑީގަ އެވެ. މި ޕްރޮޖެކްޓްގެ ސަބަބުން ދިރާގާއި އުރީދޫން ދޭ ހިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ކަސްޓަމަރުންނަށް ބުރޫ ނާރާނެ ގޮތަށް ހިދުމަތްތައް ފުޅާކުރެވޭނެ އެވެ.

މިއީ ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެއަށް އަޅާ ފުރަތަމަ ސަބްމެރިން ކޭބަލެވެ. މީގެ ކުރިން 2007 ގައި ދިރާގުން ވަނީ ސްރީލަންކާ ޓެލެކޮމް އާ ގުޅިގެން ކޮލަމްބޯ އިން ހުޅުމާލެއަށް 850 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލެއް އަޅައިފަ އެވެ.

އުރީދޫން ވެސް މީގެ ކުރިން ރާއްޖެ އާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ސަބްމެރިން ކޭބަލެއް އަޅާފައިވެ އެވެ. ދިރާގާއި އުރީދޫ ގުޅިގެން އަލަށް އަޅާ މި ކޭބަލް ވާނީ މިގޮތަށް ރާއްޖޭގައި އަޅާ ތިން ވަނަ ކޭބަލަށެވެ. މި ކޭބަލްގެ 45 ޕަސެންޓު ދިރާގުން ހިއްސާވާއިރު އުރީދޫން ވެސް 45 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. ބާކީ 10 ޕަސެންޓް ހިއްސާއަކީ ސްރީ ލަންކާގެ މުއާސަލާތީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޑައިލޮގް އެޒިއޭޓާގެ ހިއްސާ އެވެ.

މި ކޭބަލްގެ ސަބަބުން ރާއްޖޭގައި މިހާތަނަށް އަޅާފައިވާ ކޭބަލްތަކުގެ ޑައިވާސިޓީ އިތުރުވެ، އޭގެ މަންފާ ޓެލެކޮމް ކުންފުނިތަކަށް ކުރާނެ ކަމަށް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ. ހާއްސަކޮށް، ޓެލެކޮމް އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް ބޮޑު ފަސޭހައެއް ލިބި ދުނިޔެ އަށް އީޖާދުވާ އާ ޓެކްނޮލޮޖީތައް ރާއްޖެ އަށް ގެނައުމަށްޓަކައި މުވާސަލާތީ ކުންފުނިތަކަށް ވަރަށް ބޮޑު އެހީއެއް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.