ފިނި މޫސުމާ ދިމާކޮށް ޕޮލެންޑްގެ ގައުމީ އެއާލައިން، ލޮޓް ޕޮލިޝް އެއާލައިނުންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި އެވެ.

ޕޮލެންޑްގެ އެއާލައިނެއް ކަމަށްވާ ލޮޓް ޕޮލިޝް އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ކުރަނީ ޕޮލެންޑްގެ ވާސޯ ޗޮޕިން އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އަންނަ މަހުގެ ނިޔަލަށް އެ އެއާލައިން ރާއްޖެ އަށް ކޮންމެ ހަފުތާ އަކު އެއް ދުވަހު ރާއްޖެ އަށް ދަތުރެއް ބާއްވާނެ ކަމަށެވެ.

މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޮއިން 787 މަރުކާގެ ބޯޓެވެ. މިއީ 294 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ކޮންމެ އަހަރެއްގެ ފިނި މޫސުމާއި ދިމާކޮށް ގިނަ އެއާލައިންތަކަކުން އަންނަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ.

ޕޮލެންޑާކީ މިހާރު ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ އޮކްޓޫބަރުމަހުގެ ނިޔަލަށް ޕޮލެންޑުން 17،475 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ.