ފުރަތަމަ ފަހަރަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނައިގެން ޗާޕްކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓު އަންނަ މަހުން ފެށިގެން ބޭނުންކުރަން ނިންމާފައިވާ ކަކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނީ 50 ރުފިޔާގެ އައުނޫޓު ބޭނުން ކުރަން ފަށާނީ އަންނަ ޑިސެންބަރުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ. ހަމައެއާއެކު އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓު ވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

އަލަށް ނެރުމަށް ހަމަޖެހިފައިވާ 50 ރުފިޔާގެ ނޫޓުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވަނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ އަގާއެކުގައާއި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ އަގާއެކު އެވެ.

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމްއެވެ. މި ނޫޓުގައިވާ ތާރީޚަކީ 08 ސެޕްޓެމްބަރު 2022، 12 ޞަފަރު 1444 އެވެ.