ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިމިގްރޭޝަން ކައުންޓަރުތައް އިތުރުކޮށްފައިވާ ކަމަށް ބުނެފި އެވެ.

ރައީސް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޕީކް ސީސަންގައި ފަތުރުވެރިންނަށް ދިމާވާ ދަތިތައް ދެނެގަނެ އެކަންތައްތަކަށް ހައްލު ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ޑިޕާޗާގައި ހުރީ އިމިގްރޭޝަންގެ 11 ކައުންޓަރު ކަމަށާއި އެތަނަށް 7 ކައުންޓަރު ވަނީ އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެރައިވަލްގައި 14 ކައުންޓަރަށް އިތުރުކޮށްފައިވާ ކަމަށް ވެސް މިއުވާން ވިދާޅުވި އެވެ.

މީގެ އިތުރުން އެރައިވަލް ހޯލުގެ ބޭރުގައި ހުންނަ 80 ޓޫރިސްޓް ކައުންޓަރު އައު ކައުންޓަރުތަކަށް ބަދަލުކުރެވި ފަސިންޖަރުންނަށް ފަސޭހަވާނެ ގޮތަކަށް ލޭއައުޓް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ފަތުރުވެރިންނަށް އެއާޕޯޓުން ފޯރުކޮށްދޭ އެހެނިހެން ހިދުމަތްތައްވެސް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށް ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެރައިވަލްގައި އިތުރު ސްކްރީނިން މެސިންތަކެއް ބެހެއްޓުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަހަރުގެ ޕީކް ސީސަނާއި ދިމާކޮށް، މިދިޔަ މަހުގެ ހަ ވަނަ ދުވަހު ސަރުކާރުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ރަސްމީކޮށް ބޭނުންކުރަން ފަށާފަ އެވެ.

އައު ރަންވޭއާއެކު އެއާޕޯޓްގެ އޮޕަރޭޝަނަށް ބޮޑު ބަދަލެއް އަންނާނެކަން އެމްއޭސީއެލުން އޭރު ބުނެފައިވެ އެވެ. މީގެ ކުރިން ރަންވޭ ބޭނުންކުރެވޭނީ ގަޑިއަކު 8 ނުވަތަ 10 ފްލައިޓަށެވެ. ނަމަވެސް އައު ރަންވޭއާއެކު ގަޑިއަކު ރަންވޭ ބޭނުންކުރާ ފްލައިޓްގެ އަދަދު ވިއްސައްވުރެ އިތުރުވެގެންދާނެ އެވެ. މަތިންދާބޯޓެއް ޖެއްސުމަށްފަހު ރަންވޭ ހުސްކުރުމަށް ހޭދަވާ 10 ވަރަކަށް މިނެޓުން ދެ މިނެޓަށް ކުޑަވެފައިވެ އެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތަކެއް ކުރިއެރުންތައް ލިބެމުންދާކަން ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ވެސް ދައްކަ އެވެ. އެގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، މި އަދަދަކީ ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަށް ވުރެ 7.9 އިންސައްތަ އިތުރު އަދަދެކެވެ.