މާލޭގައި ހުރި ގަރާޖުތައް ރައްކާތެރި ސަރަހައްދަކަށް ބަދަލުކުރުމަށް ހުޅުމާލެއިން ބިން ދޭން ނިންމައިފި އެވެ.

ހުޅުމާލެ ހިންގާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މާލޭގައި އާންމުން ދިރިއުޅޭ ސަރަހައްދުގައި ހިންގާ ގަރާޖުތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުމަށް ސަރުކާރާއި އެޗްޑީސީއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، ގަރާޖު ހިންގުމަށް ހުޅުމާލެއިން ބިން ދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ. އެގޮތުން މާލޭގައި މިހާރު ހިންގަމުންދާ ގަރާޖުތަކުގެ ތެރެއިން، 1،000 އަކަފޫޓަށް ވުރެ ކުޑަ ގަރާޖުތަކަށް ހުޅުމާލެއިން 1،000 އަކަފޫޓު އަދި 1،000 އަކަފޫޓަށް ވުރެ ބޮޑެތި ގަރާޖުތަކަށް 1،300 އަކަފޫޓުގެ ބިން ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން، ހުޅުމާލެއިން ދޫކުރާ ބިންތަކުގައި އަޅާ ގަރާޖުތައް ދެ ފަންގި ފިލާއަށް އިމާރާތްކުރެވޭނެ ގޮތަށް ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"މިހާރު މާލޭގައި ހިންގަމުންދާ ގަރާޖުތަކަކީ ކުޑަތަންކޮޅެއްގައި އާންމު ރައްޔިތުންގެ ގެ ތަކުގައި ހިންގަމުންދާ ތަންތަން. މި ގަރާޖުތަކުގައި ވެލްޑިންކުރުމާއި ޓިންކަރިން ކުރުން ފަދަ ކަންކަން ކުރޭ. އަދި ތަފާތު ކެމިކަލްތަށް ބޭނުންކުރުމުން ނުރައްކާތެރި ހާދިސާތަށް ހިގުން މެދުވެރިވޭ،" އެ ކުންފުނިން ބުންޏެވެ. "އާންމުން ދިރިއުޅޭ ތަންތަނުގައި މިފަދަ ކަންކަންކުރުމަކީ ނުރައްކާތެރިކަމަކަށް ވުމުން ހުޅުމާލެއިން ގަރާޖުތައް ހިންގަން ބިން ދޫކުރުން ވެގެންދާނީ މިކަމަށް ލިބިގެންދާނެ ބޮޑު ހައްލެއްކަމުގައި މި ކޯޕަރޭޝަނުން ގަބޫލު ކުރަން. މިއީ މާލޭގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، މި ކޯޕަރޭޝަނާއި ސަރުކާރާއި ގުޅިގެން ނިންމި ނިންމުމެއް،" އެޗްޑީސީން ބުންޏެވެ.