ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) ގައި ދިގު މުއްދަތަކަށް ޚިދުމަތް ކުރި 145 މުވައްޒަފުންގެ އަގު ވަޒަންކުރުމަށް އެމްއޭސީއެލް ސާވިސް ރިކޮގްނިޝަން އެވޯޑު ދީފި އެވެ.

އެ އެވޯޑް ދިނުމަށް އެ ކުންފުނިން ބޭއްވި ހަފްލާގައި އެމްއޭސީއެލް އަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި 41 މުވައްޒަފުންނާއި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި 68 މުވައްޒަފުން އަދި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި 16 މުވައްޒަފުންނަށް ވަނީ އެވޯޑު ދީފަ އެވެ. އަދި 35 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި 15 މުވައްޒަފުންނާއި 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރި 5 މުވައްޒަފުންނަށް ވެސް ހިދުމަތުގެ އަގު ވަޒަން ކޮށް އެވޯޑު ދީފައިވެ އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަހްޖޫބު ޝުޖާއު ވިދާޅުވީ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ސަބަބުން އޭވިއޭޝަން އިންޑަސްޓްރީއަށް ޝައުގުވެރިވެ ދާއިރާއަށް ނުކުންނަ ޒުވާނުން މަދު ނޫން ކަމާއި ޚިދުމަތުން އިންސްޕަޔާވާ ކިތަންމެ ދަރިންނެއް މި މުޖުތަމައުގައި ތިބޭނެ ކަމަށެވެ. އަދި މިއީ ހަމައެކަނި އެމްއޭސީއެލްއަށް ކޮށްދެއްވާ ޚިދުމަތެއް ނޫން ކަމަށާއި ގައުމުގެ ޒުވާން ޖީލު ރަނގަޅު މަގަށް ގެންދިޔުމަށް ވެދޭ އެހީތެރިކަމެއް ކަމަށް ވެސް މަހްޖޫބު ވިދާޅުވި އެވެ.

އެމްއޭސީއެލްއަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންނަށް ހާއްސަ އެވޯޑު ދިނުމަށް ބޭއްވި ހަފުލާގައި އެމްއޭސީއެލްގެ ސީއީއޯ މަހުޖޫބް ޝުޖާއު ވާހަކަދައްކަވަނީ. ފޮޓޯ: އެމްއޭސީއެލް

މީގެ އިތުރުން ކުރިޔަށް އޮތް ދުވަސްތަކަކީ އެއާޕޯޓަށާއި ޚިދުމަތުގެ ރެކޯޑަށް ވެސް އުފާވެރި ދުވަސްތަކެއް ފާހަގަކޮށް، އެއާޕޯޓުގެ ޖާގަ އިތުރުވެ، ޚިދުމަތްތައް ފުޅާވެގެންދާއިރު، އެ މަސައްކަތުގައި ތަޖުރިބާއާއި ވިސްނުން ވަރަށް މުހިއްމު ވާނެ ކަން ވެސް މަހްޖޫބު ފާހަގަ ކުރެއްވި އެވެ.

އެއާ ޓްރެވަލް ފަދަ ހަލަބޮލި އިންޑަސްޓްރީއެއްގައި ޚިދުމަތް ކުރުމުގައި ވިހި ތިރީހަކަށް އަހަރު ހޭދަ ކުރުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށާއި ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އެމްއޭސީއެލްގެ ލެގަސީ އަކީ ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ރަނގަޅު އެއް ކުންފުނިކަމުގައި ވުން ކަމަށް މަހުޖޫބް ވިދާޅުވި އެވެ. އަދި މުވައްޒަފުން ކުންފުނީގައި ދިގު މުއްދަތަކަށް މަސައްކަތް ކުރުމުގެ އެއް ސިއްރަކީ މުވައްޒަފުންނާ މެދު ބަހައްޓާ ފަރުވާތެރިކަމާއި ގާތްކަން ކަމަށް ވެސް މަހްޖޫބު ވިދާޅުވި އެވެ.

އެމްއޭސީއެލްއަށް ގިނަ ދުވަހު ހިދުމަތް ކުރި މުވައްޒަފުންނަށް ހާއްސަ އެވޯޑު ދިނުމަށް ބޭއްވި ހަފުލާގައި އެމްއޭސީއެލްގެ ސީއީއޯ މަހުޖޫބް ޝުޖާއު ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި އެންމެ ގިނަ ވަޒިފާދޭ އެއް ކުންފުންޏެވެ. 3،500 އަށް ވުރެ ގިނަ މުވައްޒަފުން ކުންފުނީގެ އެކި ދާއިރާތަކުގައި ހީވާގިކަމާއި އެކު މަސައްކަތްކުރަމުން ދާއިރު، މުވައްޒަފުންގެ ލަބާއާއި މަންފާއަށް ކުންފުނިން އަބަދުވެސް އިސްކަންދެ އެވެ.