މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރަށް ވުރެ 5.6 ބިލިއަން ރުފިޔާ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުގެ ޚަރަދުތަކާއި އާމްދަނީގެ ތަފްސީލް ހިއްސާކޮށް ފިނޭންސް މިނިސްޓްރީން ނެރޭ މާލީ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ 1 ން ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ދައުލަތަށް 27.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިއީ 2021 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު، 5.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ޓެކްސްއިން ލިބޭ އާމްދަނީ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ ނިޔަލަށް ޓެކްސްއިން ލިބޭ އާމްދަނީގެ ގޮތުގައި 19.1 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ 2021 ވަނަ އަހަރުގެ މިމުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު 14.6 ބިލިއަން ރުފިޔާއާއި އަޅާބަލާއިރު 30.8 ޕަސެންޓް އިތުރު އަދަދެކެވެ.

ޓެކްސްއިން ލިބޭ އާމްދަނީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އިމްޕޯޓް ޑިއުޓީއާއި، ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސް، ބީޕީޓީ އާއި، ޓީޖީއެސްޓީގެ އިތުރުން ޖީއެސްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު މުދަލާއި ޚިދުމަތުން ނެގޭ ޓެކްސް ނުވަތަ ޖީއެސްޓީގެ ގޮތުގައި ދައުލަތަށް 9.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2021 ވަނަ އަހަރު މުދަލާއި ޙިދުމަތުން ނެގޭ ޓެކްސްއިން ދައުލަތަށް ލިބުނު 7.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %24.6 އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި 6.5 ބިލިއަން ރުފިޔާ، އިމްޕޯޓް ޑިއުޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ، އަދި ބީޕީޓީގެ ގޮތުގައި، 4.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ތެރޭގައި ދެން ހިމެނެނީ ޓެކްސް ނޫން ގޮތް ގޮތުން ލިބޭ އާމްދަނީ އެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރޭގައި ހިމެނެނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީ އާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބޭ ޑިވިޑެންޑާއި، ޕްރޮޕަޓީ އިންކަމް ނުވަތަ އިދާރާތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީ ފަދަ އާމްދަނީތަކެވެ.

ފިނޭންސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް 8.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2021 ވަނަ އަހަރުގެ މި މުއްދަތުގައި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު، 6.2 ބިލިއަނާއި އަޅާބަލާއިރު 32.2 ޕަސެންޓް އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 820 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކުންފުނިތަކުން ލިބޭ ޑިވިޑެންޓްގެ ގޮތުގައި 642.9 މިލިއަން ރުފިޔާ، އިދާރާތަކުން ލިބޭ ކުލީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުގައިވެ އެވެ.

އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ އިތުރުވެފައިވާއިރު، ސަރުކާރުން ހިންގާ މަޝްރޫޢުތައް އިތުރުވެ، ދައުލަތުގެ ޚަރަދު ވެސް ވަނީ 2021 ވަނަ އަހަރަށް ވުރެ އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ އަހަރު 39.8 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދަޢުލަތުން ހޭދަކޮށްފައި ވަނީ 37 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ރިކަރެންޓް ޚަރަދުތަކާއި ކެޕިޓަލް ޚަރަދުތަކެވެ. ރިކަރެންޓް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ބައިން ކުރާ ޚަރަދުތަކެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ހޭދަކުރާ ޚަރަދުތަކެވެ. މިދިޔަ އަހަރު، ދައުލަތުން ވަނީ މަޝްރޫޢުތަކަށް 8.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ.