މިއަހަރުގެ ފުރަތަމަ 10 ދުވަސްތެރޭ ރާއްޖެއަށް ބައިލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 53،415 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ. މިއަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 47،453ޓޫރިސްޓުންނާ އަޅާބަލާއިރު 12،6 ޕަސެންޓް އިތުރު އަދަދެކެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ވެސް މިހާރު ވަނީ 5،000 ހުރަސްކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނިގޮތުގައި މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު ރާއްޖެއަށް 5،342 ޓޫރިސްޓުން އާދެ އެވެ. އަދި ރާއްޖެއަށް އަންނަ ޓޫރިސްޓުން އެވްރެޖްކޮށް 8 ދުވަހުގެ ޗުއްޓީއެއް ރާއްޖޭގައި ހޭދަކުރެ އެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ގައުމުތަކުގެ ލިސްޓަށް ވެސް މިއަހަރު މިވަނީ ބޮޑެތި ބަދަލުތައް އައިސްފަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެއްގެ ގޮތުގައި އޮތީ އިންޑިއާ އެވެ. ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތައް:

  • ރަޝިއާ - 9،671 ޓޫރިސްޓުން
  • އިޓަލީ - 7،119 ޓޫރިސްޓުން
  • އިންޑިއާ – 4،333 ޓޫރިސްޓުން

މިދުވަސްވަރަކީ ރާއްޖޭގެ ޓޫރިޒަމްގެ ޕީކް ސީޒަނެވެ. މިއާއެކު ރާއްޖެއަށް ގިނަ އަދަދެއްގެ އެއާލައިން ވެސް ދަތުރުކުރެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު ބައިނަލްއަގުވާމީ 33 އެއާލައިނަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ.

ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއަށް ގެނައުމަށް އަމާޒުހިފީ 1.6 މިލިއަން ޓޫރިސްޓުންނެވެ. މި އަމާޒު ވަނީ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ހާސިލްވެފަ އެވެ. އަދި މިއަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ޓޫރިސްޓުން ގެނެސް ޓޫރިޒަމްގެ ރެކޯޑެއް ހެދުމަށެވެ.