ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން އަންދާޒާކޮށްފައިވާ އަދަދުތަކަކީ ސަރުކާރުން އަންދާޒާކުރި ވަރަށް މަތީ އަދަދުތަކެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވޯލްޑް ބޭންކުގެ ގްލޯބަލް އިކޮނޮމިކް ޕްރޮސްޕެކްޓްސް ރިޕޯޓްގައިވާގޮތުން، މިއަހަރު ރާއްޖޭގެ އިޤްތިޞާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ 8.2 ޕަސެންޓަށެވެ. އަދި ރާއްޖެއަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރާނެ ގައުމު ކަމަށް ވެސް ވޯލްޑް ބޭންކުގެ ރިޕޯޓުގައިވެ އެވެ.

ގައުމުތަކުގެ އިގްސޯތިދުތައް ދިރާސާކުރުމަށްފަހު ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ރިޕޯޓާއި ހަވާލާދީ ކުރެއްވި ޓުވީޓެއްގައި އަމީރު ވިދާޅުވީ އެ ބޭންކުން ރާއްޖޭގެ އިގްސޯތިދު ކުރިއަރާނެ ކަމަށް އަންދާޒާކޮށްފައިވަ އަދަދަކީ މަރުކަޒީ ބޭންކާއި ފިނޭންސް މިނިސްޓްރީ އަންދާޒާކުރި ވަރަށް އިތުރު އަދަދެއް ކަމަށެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ އިގްތިސޯދު ކުރިއަރަމުން އަންނައިރު، ނިމުނު މިދިޔަ އަހަރަށް ލަފާކުރި އިގްތިސޯދީ ދުވެލި ވަނީ 7.6 އިގްތިސޯދު 12.4 ޕަސެންޓަށް ވޯލްޑް ބޭންކުން މަތިކޮށްފައިވާ ކަމަށް ވެސް ފިނޭންސް މިނިސްޓަރު އަމީރު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ ބޭންކުން މިހެން އަންދާޒާކޮށްފައި ވަނީ ކުރިން އަންދާޒާކުރި މިންވަރަށް ވުރެ ބާރަށް ރާއްޖޭގެ އިގްތިސޯދު ކޮވިޑްގެ ހާލަތުން އަރައިގަނެފައިވުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑްގައި ރާއްޖޭގެ އިގްތިސޯދު މުޅިން ހުއްޓި، އިގްތިސޯދު އެއްކޮށް މަޑުޖެހުނު ނަމަވެސް 2021 ވަނަ އަހަރު ނިމުނުއިރު، ރާއްޖޭގެ އިގްތިސޯދު ވަނީ 4.7 ޕަސެންޓަށް ކުރިއަރައިފަ އެވެ. އަދި މި އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސޯދު 12.3 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ.