ޖަރުމަނު ބަހުން ވާހަކަދައްކާ ފަރާތްތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް މެކްޑޮނަލްޑްސް ޓްރެވަލް ޓީވީއާ ގުޅިގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ޚާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

މި ކެމްޕޭނުގައި 35 މިލިއަން މީހުންނަށް ފޯރާ ގޮތަށް ޖަރުމަނުގެ 700 މެކްޑޮނަލްޑްސް އައުޓްލެޓްތަކުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރާނެ އެވެ.

އެމްއެމްޕީއާރުސީން ބުނީ މި އިޝްތިހާރުގައި ދިވެހިރާއްޖޭގެ ތަފާތު ތަޖުރިބާތައް ދައްކާލާނެ ކަމަށާއި މީގެ ތެރޭގައި ކަނޑުއަޑީގެ ރީތި މަންޒަރުތަކާއި ޝިޕްރެކްތަކާއި ރޮމޭންޓިކް ތަޖުރިބާތަކާއި ރާއްޖޭގެ މަޝްހޫރު ބީޗްތަކާއި ރާއްޖެއަށް ޚާއްސަ "ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓް" ހިމެނޭނެ ކަމަށެވެ.

މި އިޝްތިހާރު ގެންނާނީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓްތައް ކަމަށްވާ ޖަރުމަނުވިލާތް، އޮސްޓްރިއާ، އަދި ސްވިޓްޒަލޭންޑްގެ ޓޫރިސްޓުން އިސްކަންދޭ ކަންކަމާއި ތަޖުރިބާތަކަށް އިސްކަންދީގެން ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

މި ކެމްޕެއިންގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަދައްކާ މާކެޓްތަކުގައި ދިވެހިރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުވެ، ގިނަ އަދަދެއްގެ ބަޔަކަށް ދިވެހިރާއްޖޭގެ މަންޒަރުތައް ފޯރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ޖަރުމަނުގެ މާކެޓަކީ ދިވެހިރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އެންމެ މުހިންމު މާކެޓްތަކުގެ ތެރޭގައި ހިމެނޭ މާކެޓެކެވެ.

މިދިޔަ އަހަރު އެ ގައުން ވަނީ 132,000 އަށް ވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފަ އެވެ. އެގޮތުން މިއީ ރާއްޖެއަށް 4 ވަނައަށް އެންމެ ބޮޑު މާކެޓެވެ.

މި އަހަރު އެމްއެމްޕީއާރުސީން ވަނީ ޖަރުމަނު ބަހުން ވާހަކަ ދައްކާ މާކެޓުގައި ތަފާތު ގިނަ ހަރަކާތްތައް ހިންގާފަ އެވެ. އޭގެ ތެރޭގައި ޓީޔޫއައި އޮސްޓްރިއާ، ޓީޔޫއައި ޖަރމަނީ، ކޮންޑޯ، އެފްޓީއައި އާއެކު ކުރިއަށް ގެންދިޔަ ކެމްޕޭންތައް ހިމެނެ އެވެ. އަދި ޑޮޓްކޮމް އަރަބިއާ އާއެކު ކުރިއަށް ގެންދިޔަ އައުޓްޑޯ ކެމްޕޭންތައް ހިމެނެ އެވެ. މީގެ އިތުރުން އައިއެމްއެމް ޖަރުމަނު އައިމެކްސް 2022، އަދި އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭގައި ވެސް އެމްއެމްޕީއާރުސީއިން މިދިޔަ އަހަރު ބައިވެރިވި އެވެ.