ރާއްޖެއަށް އަންނަ މިހާރު ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު 7،000 އާ ކައިރިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ރާއްޖެއަށް 6،681 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިއަހަރުގެ މިހާތަނަށް އެއް ދުވަހާ އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އައި ދުވަހެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް އެވްރެޖްކޮށް ދުވާލަކު އައިސްފައި ވަނީ 5،485 ޓޫރިސްޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 115،177 ޓޫރިސްޓުން އައިސްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އައިސްފައި ވަނީ 89،369 ޓޫރިސްޓުންނެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. އެ ގައުމުން އެކަނި މިމަހުގެ މިހާތަނަށް 16،974 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިޓަލީންނެވެ. އެ ގައުމުން 11،764 ޓޫރިސްޓުން އައިއިރު، ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާ އިންނެވެ. އެ ގައުމުން 11،163 ޓޫރިސްޓުން އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ދިހަ ގައުމުގެ ތެރޭގައި ޗައިނާ 1.9 ޕަސެންޓާއެކު ނުވަ ވަނައިގަ ހިމެނުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި އެ ގައުމު އެންމެ މަތީގައި ހިމެނުމުގެ ވާދަވެރިކަން ބޮޑުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާއިން ރާއްޖެއަށް ޓޫރިސްޓުން އަންނަން ފެށީ މިދިޔަ ހަފުތާގަ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު 1،675،303 ޓޫރިސްޓުން އައިސްފައިވެ އެވެ.