ރިސޯޓް ތަރައްގީކުރަން މ. ބޯހުރާ ބީލަމަށް ހުޅުވާލީ އެރަށް ހިއްކުމަށް ހުއްދަ ދޭގޮތަށް ނޫންކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ރިސޯޓް ތަރައްގީކުރުމަށް މިމަހުގެ 23 ގައި ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ މ. ބޯހުރާ ބީލަމަށް ހުޅުވާލާފައި ވަނީ އެރަށް ހިއްކުމަށް ހުއްދަ ދޭގޮތަށް ނޫން ކަމަށެވެ. އަދި އެރަށަށް ރިސޯޓެއްގެގޮތުގައި ތަރައްގީކުރާއިރު، ރަށަށް އަރާ ފޭބުމުގެ އިންތިޒާމް ވެސް ހަމަޖައްސާނީ ރިސޯޓް ތަރައްގީކުރާ ފަރާތްތާއި، މުލީ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން މުލީ ބަނދަރުން ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

އެ މިނިސްޓްރީން ބުނީ އޭގެ އިތުރުން ބޯހުރާގެ ބައުންޑްރީގައި އެރަށާއި ކައިރީގައިވާ މަޝްހޫރު ސާފް-ޕޮއިންޓް ނުހިމެނޭ ކަމަށެވެ. އަދި ޓޫރިސްޓް ރިސޯޓާއި، ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓް ހައުސް އަދި ޔޮޓް ބަނދަރު ތަރައްގީކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅު ސަރަޙައްދު ކަނޑައެޅުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ބޯހުރާގެ ބައުންޑްރީ ކަނޑައަޅާނީ އެ ސާފް-ޕޮއިންޓް ވަކިކުރުމަށްފަހު ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

މިފަދަ ސާފް-ޕޮއިންޓްތައް އާއްމުންނާއި ފަތުރުވެރިންނަށް ވެސް ބޭނުންކުރެވޭ ގޮތަށް ސައިޓް މެނޭޖްމަންޓް ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

މި ގަވާއިދުގައިވާގޮތުން ތަރައްގީކުރުމަށް ކަނޑައެޅޭ ރިސޯޓުގެ ފަޅުގައި، ސަރަހައްދުގެ ތެރޭގައި ފީނުމުގެ ސަރަހައްދުތަކާއި، ސާފިން ނުވަތަ ރާޅާ އަޅާ ސަރަހައްދުތަކާއި މިނޫން ވެސް ޓޫރިސްޓް އެޓްރެކްޝަންސްގޮތުގައި މިނިސްޓްރީން ކަނޑައަޅާފައިވާ ސަރަޙައްދުތައް ހިމެނޭނަމަ، އެ ރިސޯޓެއްގެ ފަޅުގެ ސަރަޙައްދު ކަނޑައަޅާނީ މިފަދަ ތަންތަން ނުހިމެނޭ ގޮތަށެވެ. އަދި މިގޮތަށް ކަނޑައެޅޭ ސަރަޙައްދުތައް މިނިސްޓްރީން އާންމުކޮށް އިއުލާންކުރަންވާނެ ކަމަށާއި، މިފަދަ ސަރަހައްދުތައް ބޭނުންކުރުމާބެހޭ އުސޫލެއް މިނިސްޓްރީން ކަނޑައެޅުމަށްފަހު އާންމުކޮށް އިއުލާންކުރަންވާނެ ކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

މ. މުލީއާއި އެއް ފަޅެއްގައި އޮންނަ ބޯހުރާއަކީ ދަތުރުގޮސް ހެދުމަށާއި، ރާޅާ އެޅުމަށްވެސް އެ އަތޮޅުގައި ފާހަގަކޮށްލެވޭ ރަށެކެވެ. މިއީ ގާތްގަނޑަކަށް 3 ހެކްޓަރުގެ ކުޑަ ރަށެކެވެ.