އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަނުން ގެންނަ ތިންވަނަ ބޯޓު އަންނަ މަހުގެ ތެރޭގައި ރާއްޖެއަށް އަންނާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް މޯލްޑިވިއަނުން އޭޓީއާރު މަރުކާގެ 3 ބޯޓު ގެނައުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ. މި ބޯޓުތައް ގެނައުމަށް މޯލްޑިވިއަނުން ނިންމީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކުގެ ފްލީޓް އާ ކުރުމަށެވެ.

މޯލްޑިވިއަނުން ގެންނަނީ އޭޓީއާރު 72 މަރުކާގެ 2 ބޯޓާއި، އޭޓީއާރު 42 މަރުކާގެ 1 ބޯޓެވެ. މީގެ ތެރެއިން އޭޓީއާރު 72 މަރުކާގެ 2 ބޯޓު މިހާރު ރާއްޖެ ގެނެސް ބޭނުންކުރަން ފަށައިފަ އެވެ. ފުރަތަމަ ބޯޓު ބޭނުންކުރަން ފަށާފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަދި އަނެއް ބޯޓު ބޭނުންކުރަން ފެށީ މިމަހުގެ 22 ވަނަ ދުވަހު އެވެ.

މި ބޯޓުތަކަކީ ތެޔޮ ޚަރަދު ކުޑަ އަދި މަރާމަތަށް ކުރަންޖެހޭ ހޭދަ ކުޑަ ބޯތުތަކެކެވެ. މި ބޯޓުތައް މޯލްޑިވިއަންގެ ދަތުރުތަކުގައި މިހާރު ބޭނުންކުރަން ފެށުމުން އެ ބޯޓުތަކުން ލިބޭ ޚިދުމަތް ރަނގަޅު ކަމަށް ގިނަ ބަޔަކު ބުނެ އެވެ.

މޯލްޑިވިއަނުން ބުނީ 3 ބޯޓުގެ ތެރެއިން އެންމެ ފަހު ބޯޓު އަންނަ މަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ. މި ބޯޓު ރާއްޖެ އަންނާނީ ފްރާންސްގެ ޓުލޫސްއިން ރާއްޖެއަށެވެ.

މޯލްޑިވިއަނުން މިހާރު ވަނީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ބޯޓެއް ހޯދުމަށް ވެސް އިއުލާންކޮށްފަ އެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިހާރު 23 އަށް ވުރެ ގިނަ ބޯޓު އެބައޮތެވެ. އެއީ ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސްގެ ބޯޓުތަކާއި، ސީޕްލޭން ބޯޓުތަކުގެ އިތުރުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ބޯޓުތަކެވެ.