އުރީދޫގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.04ރ. ބަހަން އުރީދޫގެ ބޯޑުން މިއަދު ނިންމައިފި އެވެ.

އިއްޔެ ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައި އެގޮތަށް ނިންމުމުން ހިއްސާގެ ފައިދާ ލިބޭނީ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ.

އެ ކުންފުނިން މިފަހަރު ބަހަން ނިންމި އަދަދަކީ އޭގެ ކުރީ އަހަރުގެ އަދަދަށް ވުރެ 34 ލާރި އިތުރު އަދަދެކެވެ. އުރީދޫން 2021 ވަނަ އަހަރުގެ ފައިދާއިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 2.70ރ. އެވެ.

މި ބައްދަލުވުމުގައި ވަނީ އެކުންފުނީގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާންތައް ވެސް ބޯޑުން ފާސްކޮށްފަ އެވެ. މާލީ ބަޔާންތަކުގެ ތަފްސީލުތައް މިމަހުގެ 7 ވަނަ ދުވަހު އެކުންފުނީގެ ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.

ހިއްސާގެ ފައިދާ ބަހަން އުރީދޫގެ ބޯޑުން ނިންމައި މި އަހަރު ބާއްވާ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅި ނަމަވެސް އެ އަދަދު ފާސްކުރާނީ އެ ޖަލްސާގައި ހިއްސާދަރުންގެ ވޯޓުންނެވެ. އެކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މާޗް މަހު އެވެ.

އުރީދޫގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެކުންފުންޏަށް ވަނީ 143 މިލިއަން ރުފިޔާގެ ފައިދާ ލިބިފަ އެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި 127 މިލިއަން ރުފިޔާ ލިބުނު އިރު ދެވަނަ ކުއާޓަރުގެ ފައިދާގެ ގޮތުގައި އެކުންފުންޏަށް ވަނީ 141 މިލިއަން ރުފިޔާ އަދި އެއް ވަނަ ކުއާޓަރުގައި 148 މިލިއަން ރުފިޔާ ލިބުނެވެ. އެހެންވެ. މިދިޔަ އަހަރުގެ ޖުމްލަ ފައިދާ ބައި ބިލިއަނަށް އަރާނެ އެވެ.

މިދިޔަ އަހަރުގެ ކޮންމެ ކުއާޓަރެއްގައި ލިބުނު ފައިދާ ވަނީ އޭގެ ކުރީ އަހަރަށް ވުރެ ކުރި ހޯދައިފަ އެވެ.

އުރީދޫން ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް، އާއްމުންނަށް ހިއްސާ ވިއްކަން ފެށީ 2016 ވަނަ އަހަރު އެވެ. އެކުންފުނިން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާ އަކަށް 3.30ރ. ބަހާފައިވެ އެވެ. އެއީ މިހާތަނަށް އެކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު އަހަރެވެ. އެ އަހަރު އެކުންފުންޏަށް ވަނީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފަ އެވެ.