ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ދޫކުރި ކޮވިޑް-19 ރިކަވަރީ ލޯނު ސްކީމްގެ ގްރޭސް ޕީރިއަޑް 19 މަހަށް ފިނޭންސް މިނިސްޓްރީން ފަސްކޮށްދީފައެވެ.

ރިކަވަރީ ލޯނު ސްކީމަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް، ބީއެމްއެލް މެދުވެރިކޮށް ސަރުކާރުން ތައާރަފުކުރި ލޯނު ސްކީމެކެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރިކަވަރީ ލޯނަކީ ކޯވިޑް-19 ގެ ސަބަބުން ކުރިމަތިވި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް ވަރކިންގ ކެޕިޓަލް ފޯރުކޮށްދީ، މުވައްޒަފުންގެ ވަޒީފާއަށް އަސަރު ނުކުރާގޮތަށް އެދަތި ދަނޑިވަޅުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން ހުޅުވާލި ސްކީމަކަށް ވުމުން، ލޯނު އަނބުރާ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެމިނިސްޓްރީގެ މުހިންމު މަގުސަދެއްކަމަށެވެ.

ރިކަވަރީ ލޯނު އަނބުރާ ދެއްކުމަށް ލުއިފަސޭހަގޮތެއް ފަހިކޮށްދިނުމަށް، 2021 ވަނަ އަހަރުގެ މާޗް މަހު، އެލޯންގެ ގްރޭސް ޕީރިއަޑް ވަނީ 6 މަހުގެ މުއްދަތަށް ފަސްކޮށްދީފަ އެވެ. ނަމަވެސް، މި ލޯންތަކުގެ ގްރޭސް ޕީރިއަޑް އިތުރުކޮށްދިނުމަށް ގިނަ ފަރާތްތަކުން އެދެމުންދާތީ އަނެއްކާ ވެސް 19 މަސްދުވަހަށް އިތުރުކުރުމަށް ނިންމައިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރިކަވަރީ ލޯންތަކުގެ ގްރޭސް ޕީރިއަޑް 19 މަސް ދުވަހަށް އިތުރުކުރެވޭނީ ކުރިން މިމުއްދަތު އިތުރުކުރުމަށް ހުޅުވާލި ފުރުސަތުގައި ގްރޭސް ޕީރިއަޑް އިތުރުކޮފައި ނުވާ ފަރާތްތަކަށް ކަމަށެވެ.

މީގެ އިތުރުން، ލޯނު އަނބުރާ ދެއްކުމުގެ މުއްދަތު، ގްރޭސް ޕީރިއަޑް ހިމެނޭ ގޮތަށް، 103 މަސްދުވަހުގެ މުއްދަތަކަށް އިތުރުކުރުމުގެ ފުރުސަތު ލޯނު ނަގާފައިވާ ހުރިހާ ފަރާތަކަށް ހުޅުވާލައިފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ގްރޭސް ޕީރިއަޑް އިތުރުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް ބަލައިގަތުމުގައި ލޯން އިވެލުއޭޓްކުރުމުގައި އެ މިނިސްޓްރީންނާއި ބީއެމްއެލްއިން ގެންގުޅެފައިވާ މިންގަނޑުތަކަށް ބަލާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

މިލޯންތަކުގެ ފައިސާ އަނބުރާ ހޯދުމަކީ މިފަދަ އިތުރު ސްކީމްތައް ހުޅުވާލުމަށް ފަހިވެގެންދާނެ ކަމެއްކަމަށް ފިނޭންސް މިިނިސްޓްރީން ބުނެ އެވެ.