މިދިޔަ އަހަރު އުރީދޫއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 3.04 ރުފިޔާ ބަހަން އަހަރީ އާއްމު ޖަލްސާގައި ފާސްކޮށްފި އެވެ.

އުރީދޫގެ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ބާއްވާފައި ވަނީ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގަ އެވެ.

އެ ކުންފުނީގެ މިފަހަރުގެ އަހަރީ އާންމު ޖަލްސާގައި 125 ހިއްސާދާރުން ބައިވެރިވި އެވެ. މިއީ މުޅި ޖުމްލަ 135،649،994 ހިއްސާ އެވެ. އެއީ އުރީދޫ މޯލްޑިވްސްގެ ހިއްސާގެ ތެރެއިން 91.78 ޕަސެންޓް ހިއްސާ އެވެ.

މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3.04ރ. ބަހަން އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ފާސްވީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ 87 ޕަސެންޓް ވޯޓުންނެވެ. މިއީ އޭގެ ކުރީ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ނިންމި އަދަދަށްވުރެ 34 ލާރި އިތުރު އަދަދެކެވެ. އެ ކުންފުނިން 2021 ވަނަ އަހަރުގެ ފައިދާ އިން ހިއްސާދާރުންނަށް ބެހީ ހިއްސާއަކަށް 2.70ރ. އެވެ.

އުރީދޫގެ އަހަރީ އާއްމު ޖަލްސާގައި ބޯޑު މެމްބަރުންނާއި ހިއްސާދާރުން ބައިވެރިވަނީ. ފޮޓޯ: އުރީދޫ

މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި އުރީދޫ އޮޑިޓް ކޮށްފައިވާ މާލީ ބަޔާންތައް ވެސް ވަނީ ފާސްކޮށްފަ އެވެ. އޮޑިޓަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ޕްރައިޒް ވޯޓަ ހައުސް ކޫޕާސް އެވެ. އެ ކުންފުނި އައްޔަންކުރީ 62،920 ޑޮލަރަށެވެ.

އުރީދޫގެ މިދިޔަ އަހަރުގެ އާމްދަނީ އަކީ 560 މިލިއަން ރުފިޔާ އެވެ. އެއީ 2021 ވަނަ އަހަރަށް ވުރެ 21 ޕަސެންޓްގެ ކުރިއެރުމެކެވެ.

އުރީދޫން މިހާތަނަށް ހިއްސާއަކަށް އެންމެ ބޮޑު އަދަދެއް ދޫކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާ އަކަށް 3.30ރ. ބަހާފައިވެ އެވެ. އެއީ މިހާތަނަށް އުރީދޫއަށް އެންމެ ބޮޑު ފައިދާއެއް ވެސް ލިބުނު އަހަރެވެ.