ރޯދަމަހު މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ރޭވިފައިވާ ގޮތުގެ މައުލޫމާތު މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) އިން ދީފި އެވެ.

އެމްޕީއެލް އިން ބުނިގޮތުގައި ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އިއްޔެ މެންދުރު ބޭއްވި "ސްޓޭކްހޯލްޑާ މީޓިން" އަކީ ރަމަޟާން މަހުގެ ކުރިން ކުންފުނީގެ މައި މަސްލަހަތުވެރިންނާ ބައްދަލުކޮށް، ރަމަޟާން މަހު މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންސްތައް ރޭވިފައިވާ ގޮތުގެ މަޢުލޫމާތުތައް ފޯރުކޮށްދިނުމާއި، ކުންފުނީގެ މަސްލަހަތުވެރިންގެ ހިޔާލުތައް ހޯދުމާއި ކަންބޮޑުވުންތައް އޮޅުން ފިލުވުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ކުންފުނީގެ މަސްލަހަތުވެރިންގެ ތެރޭގައި ހިމެނޭ ޝިޕިން އެޖެންޓުންނާއި، އިމްޕޯޓަރުން އަދި މަޖޫރީން ބައިވެރިވި ކަމަށް އެ ކުންފުނިން ބުނެ އެވެ.

މި ބައްދަލުވުމުގައި އެމްޕީއެލްގެ ފަރާތުން މަސްލަހަތުވެރިންނާ ބައްދަލުކުރި ޕެނަލްގައި ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މުއިއްޒާއި ޗީފް އޮޕަރޭޝަންސް އޮފިސަރު މުހައްމަދު މަސީހު އަބްދުލް ސައްތާރާއި ޗީފް ރިސްކް އޮފިސަރު އިބްރާހިމް ޒާހިރު އަދި ހާބަ މާސްޓަ ހަސަން ޒަރީރު ބައިވެރިވެވަޑައިގަތެވެ.

ރޯދަމަހު މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް ރޭވިފައިވާ ގޮތުގެ މައުލޫމާތު އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ (ކ) ދެއްވަނީ. ފޮޓޯ: އެމްޕީއެލް

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ރަމަޟާން މަހަކީ މާލޭ ވިޔަފާރި ބަނދަރަށް ގެންނަ މުދަލުގެ އަދަދުތައް މަތިވާ މަހަކަށްވާއިރު، ކުންފުނީގެ އަމާޒަކީ ކުރިން އަހަރުތަކެކޭ ވެސް އެއްގޮތަށް ރަމަޟާން މަހު ވެސް ވިޔަފާރިވެރިންނަށް ވީހާވެސް އަވަހަކަށް މުދާ ކްލިއާކުރެވޭނެ އިންތިޒާމްތައް ރޭވުން ކަމަށެވެ. އަދި އެކަމަށްޓަކައި އެމްޕީއެލް އިން ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މައުލޫމާތުތައް މަސްލަހަތުވެރިންނާ ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި މަސްހަލަހަތުވެރިން ވެސް ވަނީ އެ ފަރާތްތަކުގެ ހިޔާލުތައް ފާޅުކޮށް، މި ވަގުތު ހުރި ކަންބޮޑުވުންތައް އެމްޕީއެލްގެ މެނޭޖްމަންޓާ ހިއްސާކޮށްފަ އެވެ.

އެމްޕީއެލް އިން ބާއްވާ "ސްޓޭކް ހޯލްޑާ" ބައްދަލުވުންތަކަކީ ކުންފުނީގެ މަސްހަލަތުވެރިންނާ އޮތް ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއެކު ކުންފުނިން ފޯރުކޮށްދޭ ޙިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން މިދިޔަ އަހަރު އެމްޕީއެލް އިން ފެށި ސިލްސިލާ ބައްދަލުވުންތަކެކެވެ. މި އަހަރު ކުރިއަށް އޮތް ތަނުގައި ވެސް މި ފަދަ އިތުރު ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.